މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމާނާގެ ގޮތުގައިވާ 100 މިލިޔަން ޑޮލަރު ދެއްކުމަށް އެދުމުން ބޭރު ޤައުމުތަކުގެ ބޭންކް ތަކުން ލިބެން ހުރި ލޯނުތައް ކެންސަލްވެފައި ވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ވިދާޅުވެއްޖެއެވެ.
ވީޓީވީގައި މިއަދު މެންދުރު ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ 100 މިލިއަން ޑޮލަރުގެ މައްސަލައިގައި ވިލާ ކުންފުންޏާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެކެވެމުން ދާތީ އެކަމުގެ ސަބަބުން އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ. އެގޮތުން 80 މިލިއަން ޑޮލަރުގެ ލޯނެއް ގެއްލިގެން ގޮސްފައި ވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
"މީރާއިން 100 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެންގުމުން އަޅުގަނޑުމެންނަށް ޔޫރަޕިއަން ބޭންކަކުން ދޭން އޮތް 60 މިލިއަން ޑޮލަރު ވެސް ކެންސަލްކޮށްލައިފި، އަދި އެހެން ޔޫރަޕިއަން ބޭންކަކުން ދޭން އޮތް 20 މިލިއަން ޑޮލަރު ވެސް ކެންސަލްކޮށްލައިފި، މިހެން ގޮސް ވަރަށް ބޮޑު ގެއްލުންތަކެއް އަޅުގަނޑުމެންނަށް މިދަނީ ލިބެމުން." ގާސިމް ވިދާޅުވިއެވެ
ޤާސިމް ވިދާޅުވީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ވެސް ވާންޖެހޭ އިންސާފުވެރި އަދުލުވެރި ފިޔަވަޅަކަށް ކަމަށާއި، ވިލާ އިން ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނާ 100 މިލިއަން ޑޮލަރު ނުދައްކައިގެން ފިޔަވަޅެއް އަޅައިފި ނަމަ، 5،000 އެއްހާ މުވައްޒަފުން ހާލުގައި ޖެހޭނެތީ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރައްވާއިރު ރައްޔިތުންނަށް ނިކަމެތި ކަމެއް ލިބިދާނެ ފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށް މީރާގެ ކޮމިޝަނާ ޖެނެރަލަށް ދަންނަވާ ކަމަށެވެ.
ގާސިމް ވަނީ 100 މިލިއަން ޑޮލަރަކީ ވިލާއިން ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އަދުލުވެރި ކަމެއް ނުވަތަ އިންސާފެއްގެ ކަންފުޅެއް ވެސް އޮތް ތަނަކުން 100 މި މައްސަލަ ނިންމައިފިނަމަ އެއީ ވިލާ ގުރޫޕުން ދައްކަން ނުޖެހޭނެ އެއްޗެއް ކަމަށް ނިންމާނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"މިހާ ހިސާބަށް މިދެންނެވިހެން އެއްވެސް ފަޅެއް ސަރުކާރުން އަޅުގަނޑުމެން ނަގާފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހެދިންގެ ވަކިކޮށްފައިވެސް ނޯންނާނެ އަޅުގަނޑުމެންނަށް ދެއްވަންޖެހޭ ހުއްދަ ދެއްވައިގެނެއް. ހުރިހާ ކަމެއްވެސް މިވަނީ ކޮށްފައި. މުޅި ރާއްޖޭގެ ސަރުކާރާ އިންފްރާސްޓްރަކްޗާގެ ގޮތަށް ބަލާއިރު އެއްވެސް އަމިއްލަ ފަރުދަކު އެއްވެސް އަމިއްލަ ކުންފުންޏަކުން ކޮށްފައި ނެތް ވަރުގެ ގިނަ އިންފްރާސްޓްރަކްޗަ ވެސް ހަދާ ސަރުކާރަށް ރައްޔިތުންނަށް ހިދުމަތްދީ ހުރިހާ ކަމެއް ކުރަމުން މިއަންނަނީ،" ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ވަކި މީހަކާ މެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށާއި ގައުމަށް ހެޔޮ އެދިގެން ތަރައްގީ ގެންނަން ކަމަށެވެ.
ވިލާގެ ފަރާތުން މިހާރު ވަނީ މި މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ.
ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފިކަން ޓޫރިޒަމް މިނިސްޓްރީއިން އިޢުލާން ކޮށްފައި ވަނީ 2015 ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
100 މިލިއަން ޑޮލަރުގެ ސަބަބުން ބޭރުން ލިބެން ހުރި ލޯނުތައް ވަނީ ކެންސަލްވެފައި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ