ފްލައިން ސްކޫލް ދަރިވަރުންނަށް ބަދަލު ހޯދައިދީ ޒިންމާވާ ފަރާތްތަކަށް ފިޔަވަޅުއަޅަން ސަރުކާރަށް ގޮވާލައި ފާސްކޮށްފި

އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)ގައި ތައުލީމު ހާސިލު ކުރާ ދިވެހި ދަރިވަރުންގެ ހައްގުތައް ނނިގުޅައިގެންފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، ޒިންމާ ވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަަރުކާރަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ އެތަނުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން، ކޯސް ފުރިހަމަ ކުރުމަށް އެކި މައްސަލަތައް ކުރިމަތިވަމުންދާކަން ފާހަގަ ކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހުގައެވެ.
ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ އެ ސްކޫލްގައި ގިނަ ވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭ ކޯސްތައް އެ މުއްދަތުގައި ފުރިހަމަ ކުރަން ޖެހޭ މިންވަރަށް ކިޔަވައި ނުދިނުމާއި ތަމްރީނުތައް ފޯރުކޮށް ނުދިނުމާއި މަގުބޫލު ސަބަބަކާ ނުލައި ދަަރިވަރުން ސްކޫލުން ވަކިކުރަމުންދާ ކަމަށެވެ.
އެތަނުގެ ކޯސްތަކަކީ ނުހަނު އަގުބޮޑު ކޯސްތަކަށް ވާއިރު ޝެޑިއުލާ އެއްގޮތަށް ކިޔަވައި ނުދިނުމުގެ ސަބަބުން ބައެއް ދަރިވަރުން ހަތަރު އަހަރު ދުވަސް ހޭދަކުރަން ޖެހިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ
އެ މައްސަލަ ބެލުމަށްފަހު، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކަމާ ގުޅޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ކޮމިޓީން ވަނީ ފާހަގަ ކޯށްފައެވެ.
އެގޮތުން އެތަނުގެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ހުރަސްއެޅިފައި ވާތީ، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް މިހާރުން މިހާރަށް އަޅާން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށްވެސް ވަނީ ގޮވާލައިފައެވެ.
ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދޭން ޖެހޭނެ ކަމަށްވެސް ވަނި ބުނެފައެވެ. އެ އެކަޑަމީގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިބައިން ނިގުޅައި ގަނެފައިވާ ހައްގުތަކާމެދު ޒިންމާ ވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ އިންސްޓިޓިއުޓްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް ކޮމެޓީން ވަނީ ބުނެފައެވެ.
ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން، ރާއްޖޭގައި ބައިނަލް އަގުވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި އިގްތިސޯދަށް އެތައް ފައިދާއެއް ކުރާނެ މުހިއްމު ކަމަކަށްވާތީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން އެފަދަ ފްލައިން ސްކޫލެއް ރާއްޖޭގައި ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެކަންތައްތައް ހިމަނައިގެން ކޮމިޓީން އެކުލަވައިލި ރިޕޯޓާމެދު ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ