މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

މީހުން ޓްރެފިކް ކުރުމުގެ ކުށުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ 14 އެޕްރީލު 2021 ވި ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އެމަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.
މި ގެނައި އިސްލާހުގައި މީހުން ޓްރެފިކު ކުރުން ކަމުގައި ބެލެވޭ ކަންކަމާއި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަން ބަޔާންކޮށްފައިވެއެވެ.
އެގޮތުން ކުޑަކުދިން ޓްރެފިކް ކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގުސަދުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ.
އަދި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގުސަދުގައި ކުޑަކުއްޖަކު ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައެވެ.
މި ގެނައި އިސްލާހުގައި މީހުން ޓްރެފިކް ކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކް ކުރަން ރޭވުމަކީ ނުވަތަ ޓްރެފިކް ކުރަން އަމުރުކުރުމަކީ ކުށެއް ކަމަށާއި އަދި ޓްރެފިކް ކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އެކަން ކުރުމަށް އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ