މިހާރު ފެންނަމުން ދަނީ އެމްއެމްޕީއާރްސީ ފިލްމުގެ އިޝްތިހާރުތައް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން އެކި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރްސީ މައްސަލަ ބަލައި ނިމޭއިރު ބައެއް މެމްބަރުންގެ ގޮނޑި ގެއްލި އަދި ބައެއް ފަރާތްތަކުގެ މަގާމުތައް ވެސް ގެއްލިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
"މިލިއަން ޑޮލަރު ނާޖާއިޒް ގޮތުގައި އިއްޒަތްތެރި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނަށާއި އަދި އެހެން ވެސް އިދާރާތަކުގެ އެތައް ބަޔަކަށް ލިބުނުކަން ވަރަށް ތަފްސީލްކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ކޮމިޝަނަށް ހުށަހެޅިފައި. 270 މީހުންނަށް ދައުވާ ކުރުމަށް މިހާރުވެސް ވަނީ ފާހަގަވެފައި. އެ ދައުވާތައް ކުރިއަށް ދާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން، އިއްޒަތްތެރި ބައެއް ބޭފުޅުންގެ ގޮނޑި ގެއްލިދާނެ. މަގާމު ވެސް ގެއްލިދާނެ، އަދި އަނެއްބައި ބޭފުޅުންނަށް އިތުރު ގޮތްގޮސް ވެސް ވެދާނެ، އެހެން ނަމަވެސް މި ސަރުކާރު ވެސް މި މަޖިލިސް ވެސް އުފެދިފައި މިއޮތީ މި މަސައްކަތް އަޅުގަނޑުމެން ކުރުމަށް" ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފިލްމުގެ އިޝްތިހާރު އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފިލްމު އެޅުވޭ ވަރު ނުވާ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ މި ފިލްމުގެ އިޝްތިހާރު އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އަދިވެސް ފިލްމެއް ނާޅުވާ" އުމަރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު އާޢި ދެމެދު ވަނީ އެމްްއެމްޕީއާރުސީގެ ފައިސާ އާއި ގުޅިގެން ހޫނު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ. އެގޮތުން ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅަން ޝަރީފް 15 މިލިޔަން ރުފިޔާ ނެންގެވި ކަމަށް ދޮންބިލެތް ވަނީ ތުހުމަތު ކުރައްވާފައެވެ.
މިހާރު މި ފެންނަނީ އެމްއެމްޕީއާރްސީ ފިލްމުގެ އިޝްތިހާރު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ