ފުވައްމުލަކާއި އައްޑޫގައި ހަވީރު ހަޔަކުން ފެށިގެން ކާފިއު ހިންގަނީ

ކޮވިޑް 19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ކާފިއުގެ ވަގުތު އިތުރު ކޮށްފި އެވެ. އެޗްޕީއޭ އިން މިއަދު ބުނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އެ ދެ ސިޓީގައިވެސް ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވައި، އެއް ގެއިން އަނެއް ގެއަށް ދިޔުންވެސް ވަނީ މަނާކޮށްފަ އެވެ. ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުންވެސް މަނާކުރިއިރު އެ ސިޓީގައިވެސް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ. އިތުރު ފިޔަވަޅުތައް: ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ދޭ ހިދުމަތްތައް ދިނުން ހުއްޓާލައި، ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތްތައް ފޯރުކޮށްދިނުން. ސެލޫންތަކާއި، ޖިމް އަދި ބޯކޮށާ ތަންތަން ބަންދު ކުރުން. އެއްފަހަރާ ތިން މިހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއް ނުވުން. ހުރިހާ ކުޅިވަރު ހަރަކާތެއް އަދި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުން. ޓެކްސީ ހިދުމަތްތަކާއި ފިހާރަފަދަ ތަންތަނުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހިދުމަތް ދިނުން. ޔުނިވާސިޓީ އަދި ކޮލެޖްތައް އޮންލައިންކޮށް ކިޔެވުން ކުރިޔަށް ގެންދިޔުން. ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު ބަލި ބޮޑަށް ފެތުރެމުންދާ ރަށްރަށުގައި ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ