މަޖިލިސްކުރާ ގެއިން ދުންއަރަން މެދުވެރިވީ ކަރަންޓް ސޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ: އެމްއެންޑީއެފް
ރައްޔިތުންގެ މަޖިލީސްކުރާ ގެއިން ދުން އަރަން މެދުވެރިވީ ކަރަންޓް ސޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ބުނެފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު ސަން އަށް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުގައި މަޖިލިސްކުރާ ގެއިން ދުންއަރަން މެދުވެރިވީ ކަރަންޓް ސޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. "މިހާތަނަށް ބެލިބެލުމުން އެނގުނީ، ޗެމްބާ ތެރޭގައި ހުރި ކަރަންޓް ނަރެއްގައި ރޯވެފައި ހުރިކަން. ނަރުގެ ތިރިން ފެށިގެން މައްޗަށް ގެއްލުން ލިބިފައި ހުރީ،" މޭޖަރ އަދުނާން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިފައިން އެތަނުގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން މޭޖަރ އަދުނާން ވިދާޅުވީ، އަލިފާން ރޯވިކަމަށް ބެލެވޭ ނަރުގެ އިތުރުން މަޖިލީހުގެ އެއްވެސް ތަނަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ތަހުގީގު ޓީމެއް މިހާރުވެސް މަޖިލިސް އިދާރާގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބު އެނގޭނީ ތަހުގީގު ނިމުމުން ކަމަށް މެޖަރ އަދުނާން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީސް ތެރޭން ދުން އަރާކަމަށް ބުނެ ހަވީރު 4:58 ކަންހާއިރު އެމްއެންޑީއެފަށް ލިބުނު ރިޕޯޓަކާ ގުޅިގެން ސިފައިންގެ ފަޔައެންޑް ރެސްކިއު ސެކްޝަނުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނުގައި ހަރަކާތްތެރިވާން ފަށާފައެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ސަންއަށް ކިޔައިދިން ގޮތުގައި މަޖިލީހުގެ ޗެމްބަރާ ދިމާލު ފުރާޅުން ދުން އަރަން ފެށީ "ބާރުގަދަ އަޑެއް ގޮވުމަށް ފަހު" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ