މެމްބަރު ޝިޔާމްއާއި ގުޅޭގޮތުން ރާއީ އިތުރުފުޅު ހައްދަވައިފި

ކޮވިޑް-19 ގެ އާލާސްކަންފުޅުގައި މިވަގުތު ގޭގައި ހުންނެވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އިތުރުފުޅު ހައްދަވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ރާއީ ވިދާޅުވީ އާލާސްކަންފުޅާއި އުޅުއްވާތީ ޝިޔާމްގެ ހާލު ބެއްލެވުމަށް ފޯނުން ގުޅުއްވި ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި، "މިއީ ކުރަން ހެޔޮވާވަރުގެ" ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި ކަމަށް ރާއީ ވިދާޅުވި އެވެ. އަދި އިދިކޮޅުގެ މުޒާހަރާތަކަށް ނިކުންނަވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބޭނުންފުޅުވެގެން މަޝްހޫރުކަން ހޯއްދަވަން ކަމަށްވެސް ޝިޔާމާއި ހަވާލާ ދެއްވައި ރާއީ ވިދާޅުވި އެވެ.
މިވާހަކަތައް ކުރިއަށް ގެންދަވަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ރާއީގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި ޝިޔާމްގެ ހާލުކޮޅު ރަނގަޅުކަމަށްވެސް މެމްބަރު ހުސައިން ވިދާޅުވި އެވެ. އެހެންނަމަވެސް ނިޒާމީ މައްސަލައަށްފަހު ރާއީ އަނެއްކާވެސް ވަނީ ހެއްދެވި އިތުރުފުޅު ދިފާއު ކުރައްވައި ޝިޔާމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވިކަމަށް ވިދާޅުވެފަ އެވެ.
ރާއީގެ މި ވާހަކަތައް ދޮގުކުރައްވައި ހުދު ޝިޔާމް ފަހުން ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެގޮތުން ޝިޔާމްގެ ޓުވީޓުގައި ވިދާޅުވީ ރާއީ ހާލު ބެއްލެވުމަށް ނުވެސް ގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ އެހެން ބައެއް މެމްބަރުން ގުޅުއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ އޭނާގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ.
މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ މިފަހަކަށް އައިސް ވަރަށް ގިނަ މެމްބަރުން އާދަވެގެން ކޮށް އުޅުއްވާ ކަމެކެވެ. ވަރަށް ކުދި ކުދި ކަންކަމުގައިވެސް މަޖިލިސް މެމްބަރުން އިތުރުފުޅު ހައްދަވާއިރު އެފަދަ ވާހަކަތަކާއި ގުޅިގެން މައާފަށްވެސް އެދިވަޑައި ނުގަންނަވާކަން ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ