މިއުޒިކާއި ލަވަ ހަރާމް ވަނީ މުންކަރާތްތަކަށް އަރައިގަތުމުން : ޑރ.އަބްދުﷲ ދީދީ

ލަވަ އާއި މިއުޒިކް ހަރާމް ވަނީ އެކަމުގެ ސަބަބުން ފަރުޟުތަކާއި ވާޖިބުތައް އަދާނުކުރެވުމަށް މަގުފަހިވުމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިއުޒިކް އާއި ލަވަ ހަރާމް ނޫން ކަމަށް ބުނެ ބައެއް މީހުން އެކަމާ މެދު ބަހުސްކުރަން ފަށާފައިވާ މި ދަނޑިވަޅުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި މިއުޒިކާއި ލަވަ ހަރާމް ވަނީ މުންކަރާތްތަކަށް އަރައިގަތުމުންނެވެ.
އެ ޓްވީޓްގައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ޝަރްއީ ނައްޞުތަކާއި އުސޫލުތަކުގެ އަލީގައި ބަލާ ނަމަ ލަވަ އާއި މިޔުޒިކުގައި މަޝްއޫލުވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއް ނަމަ ނުވަތަ ހަރާމް ކަން ކަމަށް އަރައިގަތުމަށް ހުޅުވޭ ދޮރެއް ނަމަ، އެކަންކަން ހަރާމްވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
ޝަރްޢީ ނައްޞުތަކާއި އުޞޫލުތަކުގެ އަލީގައި ބަލާއިރު، ލަވަޔާއި މިޔުޒިކުގައި މަޝްޢޫލުވުމަކީ ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމަށް އޮތް ހުރަހެއްނަމަ ނުވަތަ ޙަރާމްކަންކަމަށް އަރައިގަތުމަށް ހުޅުވޭ ދޮރެއްނަމަ، އެކަންކަން ޙަރާމްވާނެ ކަމާމެދު ޝައްކެއް ނެތް.
— Dr. Ahmed Abdulla Didi (@AABDULLADIDI) February 14, 2021
އޭނާ އެގޮތަށް ވިދާޅުވި އިރު މިއުޒިކް ހުއްދަކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ވިދާޅުވީ، މަތިވެރި ރައްބު ހަރާމް ކުރެއްވި ކަންތައްތަކުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯންނަ ކަމަށެވެ.
“އެއްވެސް ކަމެއް ހަރާމް ވަނީ މަތިވެރި ރައްބު އެކަމެއް ހަރާމް ކުރެއްވުމުން، އެ އިލާހް ހަރާމް ކުރެއްވި ކަންތައްތައް ވަނީ ކީރިތި ގުރުއާންގައި ބަޔާން ކުރައްވާފައި.އަދި އެކަންކަމުގެ ތެރޭގައި މިއުޒިކް ކުޅުމާއި، ލަވަކިޔުން ނޯވޭ،” ދި ޑެއިލީއަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ގެ އެ ވާހަކަތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ.
މިއުޒިކް އާއި ލަވައިގެ ހުކުމާއި މެދު މިފަދަ ވާހަކަތަކެއް ދެކެވެން ފަށާފައި ވަނީ، މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ