މޫސުން ގޯސްވުން އުޒުރަކަށް ހަދައި ކޯޓަށް މީހުން ހާޒިރު ނުކުރުން ބަލައެއް ނުގަނެވޭ: ނަޝީދުގެ ވަކީލު

މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެ ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ. ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު 9:00ގައި އޮތް، ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ބަންދުގައި ތިބި، ދައުވާ ލިބޭ މީހުން ގަޑިއަށް ކޯޓަށް ހާޒިރު ނުކުރެވުމުން ކަމަށެވެ. އަދި އެމީހުން ގަޑިއަށް ހާޒިރު ނުކުރެވުނީ މޫސުން ގޯސްވުމުގެ ސަބަބުންކަން ކަރެކްޝަނުން އަންގާފައިވާ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަޙްމަދު ނާޒިމް ސައްތާރު ވިދާޅުވީ, މިއަދު ތާވަލްކޮށްފައިވާ އަޑުއެހުމަށް ދައުވާ ލިބޭ މީހުން ހާޒިރު ނުކުރުމުން އެކަން ކުށްވެރިކުރާ ކަމަށެވެ. ވިއްސާރަވެގެން ނުގެނެވުނީ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނާއިރު, މިއަދަކީ މާލޭ ސަރަހައްދުގެ މޫސުން ގޯސްވި ހަމައެކަނި ދުވަސް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, އަޑުއެހުން އޮންނަ ދުވަހުގެ އެއް ދުވަސްކުރިން ދައުވާ ލިބޭ މީހުން، މާލޭ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށެވެ. އެ މައްސަލައިގެ އަޑުއެހުންތައް އޮންނާނެ ތާރީހުތައް މީގެ ކުރިން މީޑިއާގައި އާންމުކޮށްފައިވާއިރު, އެ ދުވަސްތަކަށް ދައުވާ ލިބޭ މީހުން ކޯޓަށް ހާޒިރު ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ. "މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުންދާއިރު އެ ފަދަ ޝަކުވާއަށް ބެލުމެއްނެތި، ހޯމް މިނިސްޓްރީއިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، މި ކަމުގެ ޙައްސާސިއްޔަތު ދެނެ ނުގަނެ ފަރުވާކުޑަ ކުރާތީ އެކަން އިންތިހާއަށް ކުށްވެރިކުރަން," ނާޒިމް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި 10 މީހެއްގެ ޝަރީއަތް ކުރިއަށްގެންދެއެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ. އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަޙުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ