އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ މާލޭގައި އިއުލާން ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާން ކުރާ ގޮތަށް ކުރިން ހަމަޖައްސާފައިވަނީ، ކޮމަންޑޫގައެވެ. ނަމަވެސް ވަގުތީ ނަތީޖާ އިއުލާން ކުރުން މާލެއަށް ބަދަލުކޮށްފައިވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ މާލޭގައި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުންކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޮމިޝަނުން ކުރިން ވިސްނާފައި އޮތީ ކޮމަންޑޫގައި މިއިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ނަމަވެސް، މާލެއަށް ނަތީޖާ އިއުލާން ކުރުން ބަދަލުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވާތީކަމުގައެވެ. އިންތިޚާބަށް ކޮމިޝަންގެ މެމްބަރުން ކޮމަންޑޫއަށް ދާން ނިންމި ނަމަވެސް މިހާރު ގައިޑްލައިން ހަމަޖެހިފައިވާ ގޮތުން ރަށްރަށަށް ދަތުރު ކުރުމުގައި ޕީސީއާރު ޓެސްޓް ހަދަންޖެހޭއިރު، ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ، މިއީވެސް އިންތިޚާބަށް ކުރިމަތިވެދާނެ ހުރަހެއްކަމަށް ފުއާދު ވިދާޅުވިއެވެ.
މިދުވަސް ވަރަކީ ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ނަގާފައިވާ އޮފިޝަލުންނާއި، މެމްބަރުން ޕޮޒިޓިވްވެއްޖެނަމަ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށްބަލައި، މާލޭގައި ނަތީޖާ އިއުލާން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާގައި އެންމެ ގިނަ އަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ސަރަހައްދަކީވެސް މާލެ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާވެސް މިހާރު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާލޭ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައިކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓާއެކު، ވޯޓު ލެވޭނެ ފޮށިތައް އެނގޭނެހެން އާންމުކުރި ލިސްޓުގައި މާލެ ސަރަހައްދުގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދަށް ފޮއްޓެއް އިތުރުވެފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ ނިސްބަތަށް ބެލުމަށް ފަހުއެވެ. މިއިންތިޚާބުގައި ޖުމްލަ 7 ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ކޮމަންޑޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ