ރިޔާސީ އިންތިހާބު 2008: ޑރ. ހަސަންގެ އިތުރުން ގާސިމާއި އިބުރާ ވެސް އަންނިއަށް ތާއީދު ކުރައްވަން ނިންމަވައިފި

މި މަހު 29 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރެއްވުމަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދުގެ އިތުރުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެސްއެލްޕީގެ އިބްރާހިމް އިސްމާއީލް (އިބުރާ) ވެސް ނިންމަވައިފި އެވެ.
ހަ ކެންޑިޑޭޓުން ވާދަކުރެއްވި ވާދަވެރި މި އިންތިހާބުގައި 27،056 ވޯޓު ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ކެމްޕެއިންގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ "ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމެއް އުފެއްދުމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން އެމްޑީޕީއާ އެކު އެއްބަސްވެއްޖެ" މިހެންނެވެ. އެހެން ނަމަވެސް އެއްވެސް އިތުރު ތަފުސީލެއް ނުދީ ވޯޓްގާސިމް ޑޮޓްކޮމްގައި ބުނެފައި ވަނީ އެކަމާ ގުޅޭ ހާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށާއި އެ ޖަލްސާއަށް އެންމެންނަށް ދައުވަތު ދޭ ކަމަށެވެ. ކުއްލި ހަބަރެއްގެ ގޮތުގައި ގެނެސްދީފައިވާ އެ ހަބަރުގައި ގާސިމާއި އަންނި ދެ ޕާޓީގެ އެއްބަސްވުން ބަދަލުކުރައްވާ ފޮޓޯއެއް ވެސް އެޓޭޗް ކޮށްފައިވެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި އަންނި އަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ގުޅުމުން މި ނިންމީ އެމްޑީޕީއާ އެކު އެކި ފަހަރު މަތިން ކުރި މަޝްވަރާތަކަށް ފަހު ގޮތްތަކަކަށް އެއްބަސްވެގެންނެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް މިއަދު ހަވީރު 00: 4 ގައި ޖުމްހޫރީ ގުޅުމުން ބާއްވާ ނިއުސް ކޮންފަރެންސްގައި އެ ތަފުސީލުތައް އެ ޕާޓީން ހާމަކުރާނެ ކަމަށް ލަފާކުރެވެ އެވެ.
ޑރ. ހަސަނާއި ގާސިމްގެ އިތުރުން އިންތިހާބުގެ ދެވަނަ ބުރުގައި އަންނިއަށް ތާއީދު ކުރައްވާނެ ކަމަށް އިބުރާ އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އިންތިހާބުގައި އެންމެ ޕަސެންޓެއް ވެސް ލިބިވަޑައިނުގެން އެންމެ ފުލަށް ވަޑައިގެންނެވި އިބުރާގެ އެސްއެލްޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ މަޝްވަރާތަކުގައި ވެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހޮވިވަޑައިގަންނަވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށެވެ.
"މިކަންކަމަށް ރިއާޔަތް ކުރުމާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް މި ޕާޓީން ތާއީދުކޮށް، މުހައްމަދު ނަޝީދުގެ ތާއީދު އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،" އެސްއެލްޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނައި ވޯޓު ލިބިވަޑައިނުގަތުމުން ދެވަނަ ބުރަށް ހޮވިވަޑައިގެންފައި ވަނީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ނަޝީދު(އަންނި) އެވެ.
ދެވަނަ ބުރުގައި އަންނިއަށް ތާއީދު ކުރެއްވުމަށް އެންމެ ފުރަތަމަ ނިންމެވީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި ތިންވަނަ ލިބިވަޑައިގެންނެވި ޑރ. ހަސަނެވެ. އޭނާ ވަނީ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނުނިމެނީސް، އަންނިއަށް ތާއީދުކުރައްވާނެކަން އާންމުކޮށް އިއުލާން ކުރައްވައިފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ޑރ. ހަސަން ސައީދު ތާއީދު ކުރެއްވުމަށް ނިންމެވީ އެއްވެސް ޝަރުތަކާ ނުލަ އެވެ. ނަމަވެސް އެމްޑީޕީއާ އެކު އިއްތިހާދުވާ ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ ތާއީދުކުރައްވަނީ ކަމަށެވެ.
ޑރ. ހަސަނާއި ގާސިމާއި އިބުރާ، އަންނިއަށް ތާއީދުކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް އިންތިހާބުގައި ވާދަކުރެއްވި އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެފައި ވަނީ ދެ ވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ.
"އެ ދެ ކެންޑިޑޭޓުން ވެސް އަޅުގަނޑުމެންނަށް ކަމަކު ނުދޭ. އެ ބޭފުޅުންގެ އެކި ސިޔާސަތުތައް އަޅުގަނޑުމެންނަށް ކަމަކު ނުދޭ. އަޅުގަނޑުމެން އަދި އެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރިޔަސް، ޕާޓީގެ މެމްބަރުންނަށް އަންގާފައިވަނީ އެ ފަރާތްތަކުން ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކުރަން،" އިންތިހާބުގެ ފުރަތަމަ ބުރުން 2،472 ވޯޓު ހޯއްދެވި އުމަރު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ޑީއާރުޕީގެ ޒައީމް އަދި ރައީސް މައުމޫނާ ދެކޮޅަށް ނުކުމެވަޑައިގެންނެވި ހަތަރު ކެންޑިޑޭޓަކު އެއްގަލަކަށް އެރުއްވި ނަމަވެސް ޑީއާރުޕީން މިއަދު ބުނީ އިދިކޮޅު ބައެއް ބޭފުޅުން އެ ޕާޓީއާއެކު ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނާ އިދިކޮޅަށް ނުކުތް ބައެއް ސިޔާސީ ބޭފުޅުން އަޅުގަނޑުމެންނާއެކު މަޝްވަރާތަކެއް ކުރަމުން އެބަދޭ. މުޅިން އެއްކޮށް ފައިނަލް ވީމަ ނޫނީ އެއްޗެއް ނުބުނަން މި ތިބީ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން މިރޭ ނުވަތަ މާދަމާ އެ ކަންތައް ފައިނަލް ކުރެވޭ ވަރުވާނެ،" މައުމޫން 2008 ކެމްޕޭނުގެ ޑިޕިއުޓީ މީޑިއާ މެނޭޖަރު އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ހުރިހާ ކެންޑިޑޭޓުން އެއްގަލަކަށް އެރިޔަސް ޑީއާރުޕީގެ ޒައީމަށް ދެވަނަ ބުރުގައި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ އެ ސިނާރިއޯއަށް ވެސް ތައްޔާރު ވެގެން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ