އާންމު އިންތިހާބު 2009: ހިތަދޫ މެދު ދާއިރާގެ ބަހުސަށް ފަހު ހިޔަލީ އަށް ހަމަލަދީފި

އާންމު އިންތިހާބުގައި ސ. ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ ހިޔަލީ މުހައްމަދު ރަޝީދަށް ބަޔަކު މީހުން ރޭ ދަންވަރުގެ ވަގުތެއްގައި ހަމަލާ ދީފި އެވެ.
ހިޔަލީ ރަޝީދު މިއަދު ވިދާޅުވީ ދެ ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ހަމަލަދިނީ ޓީވީ މޯލްޑިވްސްގައި ރޭ ބޭއްވި ސ. ހިތަދޫ މެދު ދާއިރާގެ ބަހުސަށް ފަހު ސީއެޗްއެސްއީ ކައިރިންލާފައި ވަޑައިގަންނަވަނިކޮށް ކަމަށެވެ.
"ބަހުސް ނިންމާފައި ޕީއޭ ކެމްޕޭނު އޮފީހަށް ވަދެފައި ދެން ސީއެޗްއެސްއީ މަގުންލާފައި ދަނިކޮށް ފަހަތުން އައި ބަޔަކު ކުއްލިއަކަށް އައިސް އަޅުގަނޑުގެ ގައިގައި ޖެހީ. އެ ހަމަލަ އެރީ އަޅުގަނޑުގެ މައިބަދައަށް. ދެ ސައިކަލްގަ އައި މީހުންގެ ތެރެއިން އެއް ސައިކަލްގައި ހުރި މީހަކު އަޅުގަނޑުގެ ގައިގައި ޖެހީ. ހަމަލަ ދީފައި އެ މީހުން ހިނގައްޖެ. އެއީ ކޮން ބައެއް ކަމެއް ވެސް ނޭނގޭ،" ބަހުސްގައި މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވި ހިޔަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ރޭ ފަރުވާ ހޯއްދެވި ކަމަށާއި މިހާރު ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.
"އެކަމަކު އިށީނދެ އިންނަން އުނދަގޫ އެބަވޭ،" ހިޔަލީ ރަޝީދު ވިދާޅުވި އެވެ.
ހިޔަލީ ރަޝީދު ވިދާޅުވީ ރޭގެ ބަހުސަށް ފަހު އެމްޑީޕީއަށް ތާއީދުކުރާ ބައެއް ފަރާތްތަކާއެކު ޓީވީއެމް ކައިރީގައި ހޫނު ޒުވާބުތަކެއް ހިނގި ކަމަށެވެ. އެހެން ނަމަވެސް އެ ތަނުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަހުސްގައި އަޅުގަނޑު ސަރުކާރަށް ފާޑުކިއުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ ބައެއް މީހުން އައިސް ޓީވީއެމް ކައިރީގައި އަޅުގަނޑާ ދިމާލަށް ހަޅޭއްލަވާ، އަޑުގަދަކޮށް ހެދި. އަޅުގަނޑުގެ ދާއިރާގެ މީހުންނާ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުގެ ކޮއްކޮ (ޗެކް މާކް އަހުމަދު ރަޝީދު) ނޫން ހުރިހާ ކެންޑިޑޭޓުން އަޅުގަނޑާ ސަލާމް ވެސް ކުރި. ވަރަށް މަޖާކޮށް ބަހުސަށް ފަހު ދިޔައީ،" އެފްއޭއެމްގެ ވައިސް ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހިޔަލީ ރަޝީދު ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާއަށް ނުވަ ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އޭގެ ތެރޭގައި ހިޔަލީ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވެސް ހިމެނެ އެވެ. އޭނާ އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ