ދަރިވަރުންނަށް ދީނީ ތައުލީމު ދޭން ދާއިމީ ސިލްސިލާ ބައްދަލުވުންތަކެއް ފަށަނީ

ސްކޫލްތަކުގެ ދަރިވަރުންނަށް ދީނީ ތައުލީމް ދިނުމަށް ދާއިމީ ސިލްސިލާ ބައްދަލުވުންތަކެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.
މިދިއަ ބުދަދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް އެފެއާޒުގެ ސްޓޭޓް މިނިސްޓަރު ޝެއިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ބައްދަލުވުންތައް ފެށުމުގެ ގޮތުން މާލޭގެ ކޮންމެ ސްކޫލަކުން 20 ކުދިން ހިމެނޭ ގޮތަށް، އެޕްރީލް 5 ގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީގެ މާލީ އެހީތެރިކަމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް އެފެއާޒް ގުޅިގެން ފަށާ ޕްރޮގްރާމްގައި ދީނީ ނަސޭހަތް ދިނުމުގެ އިތުރުން ސެމިނާތައް ވެސް ބާއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކޮންމެ މަހަކު އެއް ފަހަރު މި ޕްރޮގްރާމް ކުރިއަށްގެންދެވޭތޯ އަޅުގަނޑުމެން ބަލާނަން. އަގީދާ ހަރުދަނާ ކުރުމާއި އަހްލާގު އަށަގެންނެވުމާއި ހަރުދަނާ މުޖުތަމައެއް ބިނާކުރުމާއި އެކިއެކި ހައްގުތަކުގެ މައްޗަށް ބިނާކޮށް ނަސޭހަތްތެރި ވެވޭނެ. ސެމިނާތައް ބޭއްވޭނެ. ލެކްޗާ ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމްގައި ރާއްޖޭގެ އިލްމުވެރިންގެ އިތުރުން ބޭރުގެ އިލްމުވެރިން އިނގިރޭސި ބަހުން ވެސް ދީނީ ނަސޭހަތް ދެއްވާނެ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި އަތޮޅު ރަށްރަށުގެ ސްކޫލްތަކަށް، ވަކިން ހާއްސަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގައި، ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް އެފެއާޒު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ފެށުމަށް ހަމަޖެއްސީ ފަހަކަށް އައިސް ސްކޫލް ކުދިންގެ އަހްލާގު ގޯސްވަމުން ދާތީ އާއި ދީނީ ތައުލީމް ކުދިންނަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާކަން ފާހަގަކުރެވޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ