މައުމޫން އަނެއްކާ ވެސް ދޫނިދުއަށް ބަދަލުކޮށްފި

ރިޝްވަތު ހުށަހަޅައި ގާނޫނީ ވަރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މާފުށީ ޖަލުން ދޫނިދުއަށް ބަދަލުކޮށްފިއެވެ. މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެ ގޭގެ ދޮރުވައްޓާލައިގެންނެވެ. މައުމޫން ހައްޔަރުކޮށް ހަމަ އެރޭ ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ. ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ދޫނިދު އަށް ބަދަލުކޮށްފައިވާ ކަން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ފުލުހުން މިއަދު އަންގާފައިވާ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ މިއަދު ހަވީރު 4:30 އާ ހަމައަށް ރައީސް މައުމޫން ދޫނިދުއަށް ބަދަލުކުރަން އުޅޭކަން އަންގާފައިނުވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ