މިޔަންމާގެ ސަރުކާރު ސިފައިން އަޑީގައި އޮވެގެން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މިޔަންމާގެ މުސްލިމު ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދަން ދިވެހި ސަރުކާރުން ހުޅުވި ރޮހިންގާ ފަންޑަށް ލިބުނު ފައިސާ ބަންގުލަދޭޝްގެ ރެޑްކުރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ރޮހިންގާ ފަންޑުގެ ފައިސާ ހަވާލުކޮށްފައިވާ ކަން އިސްލާމިކް މިނިސްޓަރު ޒިޔާދު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ އަށް އެމަނިކުފާނު އިއްޔެ ދެއްވި އިންޓަވިއުއެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ ފަންޑުގެ ފައިސާ ޑޮލަރަށް ބަދަލުކުރުމަށްފަހު ފައިސާ ހަވާލުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ރޮހިންގާ ފަންޑުގެ ފައިސާ ބަންގުލަދޭޝްގެ ރެޑްކުރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ މިފަންޑަށް ފައިސާ އެއްކުރިތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް ފައިސާ ހަވާލުކޮށްފައި ނުވާތީ ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ފަންޑަށް ލިބުނު ފައިސާއާއި އެކިއެކި ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުން ފަންޑަށް ދީފައިވާ ފައިސާ ވެސް ހިމެނޭ ކަމަށެވެ. އެގޮތަށް ވައުދުވެފައި ހުރި ފައިސާ ހޯދާ ފަންޑަށް ޖަމާކުރުމަށް ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރަންޖެހުމަކީ ފަންޑަށް ލިބުނު ފައިސާ ހަވާލުކުރުން ލަސްވީ ސަބަބެއް ކަމަށްވެސް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.
ރޮހިންގާ ފަންޑަށް ލިބުނު ފައިސާ އިން ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދިނުމަށް ބަންގުލަދޭޝްގެ ރެޑްކުރެސެންޓްގައި އެދޭނެ ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ރޮހިންގާ ފަންޑަށް ދިވެހި ސަރުކާރުން އެއްކުރި ފައިސާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ