ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ސިޔާސީ މަސައްކަތުން އެކަހެރި ކުރުމުގެ ބޭނުމުގައި ކަމަށް ޓެރަރިޒަމްގެ ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު، ރިޔާޒް މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފައި ވަނީ ބުދަ ދުވަހުގެ ހަވީރެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ދައުވާ އިއްވަމުން ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ރިޔާޒް އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ރިޔާޒް ވަނީ އިތުރު ބަޔަކާ ގުޅިގެން ނެރުވާފައިވާ ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަލުކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތައް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވަން ރިޔާޒް ވަނީ ބާރާ ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކޮށްފައި ކަމަށްވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.
މި ދައުވާ އިއްވުމުން ރިޔާޒް ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށާއި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޓެރަރިޒަމްގެ މައްސަލައަކީ ބޮޑު ކުށަކަށްވާއިރު އެފަދަ މައްސަލައެއްގައި ތަހްގީގު ހިންގަން ޖެހޭ މިންވަރަށް އޭނާގެ މައްޗަށް ތަހްގީގު ހިންގާފައިނުވާ ކަމަށެވެ. އެގޮތުން ބައި ސޮފްހާގެ ބަޔާނެއް ފުލުހުން ނެގިއިރު ކުށުގެ ވަކި އަމަލެއް ހިންގި ކަމަށް ތުހްމަތުކޮށް ސުވާލު ކޮށްފައިނުވާ ކަމަށެވެ. އަދި އެހެންމެ ޓެރަރިޒަމް ކުށުގެ ތުހްމަތު ކުރެވިގެން އޭނާގެ ފޯނާއި ދިރިއުޅޭގެ ބަލާ ފާސްކޮށްފައި ނުވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެކަށީގެންވާ ހެއްކެއް ވެސް ފުލުހުން ހޯދާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވިކަން ވެސް އެނގިވަޑައިގެންނެވީ ޓީވީން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހު ބޭއްވި މުޒާހަރާއެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ކޯޓަށް ހާޒިރުކޮށް ވަކީލެއްގެ ފުރުސަތު ވެސް ނުދީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާގެ ބަންދުގެ މައްސަލަ ވަކީލަކަށް ފުރުސަތު ދީގެން އަލުން މުރާޖާ ކުރާނެ ކަމަށް އޭރު ކޯޓުން ބުނި ނަމަވެސް ފުރުސަތު ނުދީ އޮއްވާ އޭގެ ފަހުން ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ރިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ ކުށުގައި އޭނާ އެއްފަހަރުވެސް ހައްޔަރު ކޮށްފައިވެސް ނުވާ ކަމަށެވެ. ރިޔާޒްގެ އެ ވާހަކަތަކަށް ރައްދުދީ ދައުލަތުގެ ވަކީލު ވިދާޅުވީ ތަހްގީގު ކުރުމުގެ ކުރިން ދިން ގާނޫނީ އިންޒާރުގެ ފޯމްގައި އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ކުށުގެ ތުހްމަތުކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވާ ކަންކަމާވެސް އޭނާ ސުވާލު ކުރެވިފައިވާ ކަން އޭނާ ފުލުހުންނަށް ދެއްވާފައިވާ ބަޔާނުން ސާފުވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ރިޔާޒް ތަކުރާރުކޮށް ވިދާޅުވީ ޖުމްލަކޮށް ތުހްމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވި ނަމަވެސް ވަކި ކަމެއް ކުރި ކަމަށް ތުހްމަތުކުރާއިރު އެކަމެއް ކުރިތޯ ތަފްސީލުގޮތެއްގައި އަހާފައިނުވާއިރު ދެކޮޅަށް ހުރި ހެކިތަކަކީ ވެސް ކޮބައިކަން ނޭނގޭ ކަމަށެވެ. އަދި އެހެންމެ އޭނާގެ މައްސަލަ ތަހްގީގު ކޮށްފައިވަނީ ވެސް އަދި ކޯޓުގައި ދައުވާ ކޮށްފައިވަނީ ސިޔާސީ ނުފޫޒެއް އޮވެގެން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
އޭނާ މި މައްސަލައިގައި އެއްވެސް މަރުހަލާއެއްގައި ވަކީލަކު ބޭނުންކޮށްފައިނުވާކަން ފާހަގަ ކުރައްވައި ވަކީލަކު އައްޔަން ކުރުމަށް ދެއްވީ ފަސް ދުވަހުގެ މުހްލަތެކެވެ.
ރިޔާޒްގެ މައްޗަށް ވެސް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ ސިޔާސީ މަސައްކަތުން އެކަހެރި ކުރަން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ