ރައީސް މައުމޫނު އަދި ނަދީމް ބަންދުގައި 1 މަސް ދުވަސް

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ޤައިރު ޤާނޫނީ ބަންދުގައި ހުންނަވާތާ 1 މަސް ދުވަސް ވީއެވެ.
އެއްމަސް ދުވަސް ވުމާއި ގުޅިގެން ރައީސް މައުމޫނު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ، 1 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ޙުކުމް ތަންފީޒުކުރާނެކަމަށް މުޅި ދުނިޔެއަށް އިޢުލާންކުރުމަށްފަހު، އެ އަމުރު ތަންފީޛުކުރުމަށް ޤާނޫނީ އިމުން ބޭރުން އިންކާރުކޮށް، އެ އަމުރުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޤާނޫނުއަސާސީއާ ޚިލާފަށް 5 ފެބްރުއަރީ 2018 ގައި އިޢުލާންކުރި ކުއްލިނުރައްކަލުގެ ޙާލަތުގެ ދަށުން ދައުލަތުގެ ދެ ބާރު ކަމުގައިވާ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި ޤާނޫނު ހެދުމުގެބާރު، އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ބާރުގެ ދަށަށް ގެންނަވައި، އެހާލަތުގެ ދަށުން ކަމަށްބުނެ ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން އަލްފާޞިލް މުޙައްމަދު ނަދީމް ރަހީނު ކުރެވުނުތާ މިއަދަށް 1 މަސްދުވަސްވީއެވެ. އަދި މިޙާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި، މިހާލަތު ގެ މުއްދަތު މަޖިލީހުން އިތުރު ކޮށްފައިވަނީ ޤާނޫނުއަސާސީއާ ދިވެހި ރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް ކަމަށްވާތީ މިއީ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށް ދެކޭ ކަމަށް ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނުކަމުގެ ތުޙުމަތުގައިކަމަށް ބުނެ އެދެބޭފުޅުން ރަހީނުކޮށްފައިވާއިރު، 5 ފެބްރުއަރީ 2018 ގެ ފަހުން ފުލުހުން އެކި ފަހަރުމަތިން ދެއްވާފައިވާ ނޫސްވެރިންގެ ބައްދަލު ވުން ތަކުގައި ރައީސް މައުމޫނަށާއި މުޙައްމަދު ނަދީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މިމައްސަލަ ތަކާއި ގުޅިގެން އެތައް ބައިވަރު ހެކިތަކެއް ފުލުހުންނަށްލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާތާ މަސްދުވަހާއި ކައިރި ވަނިކޮށް ފުލުހުން ވަނީ ރައީސް މައުމޫންއަށް ހެކި ނައްތާލުމުގެ ކުށުގައި ދަޢުވާ އުފުލުމަށް ޕީ.ޖީ އަށް ފޮނުވާފައެވެ. ކަން މިހެން އޮތްއިރު. އަދި ތަކުރާރުކޮށް ރައީސް މައުމޫން އާ މުޙައްމަދު ނަދީމްގެ މައްޗަށް ހެކިހުރިކަމަށް ވިދާޅުވެ އެބޭފުޅުންނާމެދު މުޖުތަމަޢުގައި އޮތް ޤަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެބޭފުޅުންގެ އަބުރު ނަގާލުމަށް ފުލުހުންގެ ޕްރެސް ކޮންފަރެންސްތަކުގައި ތަކުރާރުކޮށް ވާހަކަދައްކަވާފައިވާއިރު، އެ ބޭފުޅުން ރަހީނުކުރެވުނުފަހުން ތުހުމަތުކުރެވޭކަމަށް ބުނާ މައްސަލާގައި މިހާތަނަށް ރައީސް މައުމޫން އަދި މުޙައްމަދު ނަދީމްއާ އެއްވެސް ސުވާލެއްކޮށް ތަޙުޤީޤެއްވިޔަސް ހިންގާފައި ނުވާކަން ފާހަގަކުރަމެވެ
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ދެ ދަޢުވާގައި މިހާތަނަށް ހާމަވެފައިވާ ޙަޤީޤަތްތަކަށް ބެލުމުން މިއީ ދައުލަތުގެ މުއައްސަސާތަކާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތެއްގެ ސިޔާސީ މަޤްސަދުތަކެއް ޙާޞިލްކުރުމަށް އުފުލާފައިވާ ޙައްޤުނޫން ދަޢުވާއެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް އޮޅުމެއްނެތި ކަށަވަރުވެއެވެ. އަދި ޙައްޤުނޫން ދަޢުވާތަކެއްކޮށް، އަސާސެއްނެތް އެކި ތުޙުމަތުތަކުގައި ޖަލުގައި ހުންނަވާތާ މިއަދަށް 7 މަސްދުވަސް ފާއިތުވެފައިވާއިރު އެމަނިކުފާނުވެސް ނުޙައްގުން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ފަރާތެއްގެ އަމުރަށް މަސައްކަތްކުރާތީކަމަށް ދެކެމެވެ.
އެހެން ކަމުން، ޣައިރުޤާނޫނީ ކުއްލިހާލަތުގެ ދަށުން ރަހީނުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލައި 1 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވާފައިވާ އަމުރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ. އޭގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަންފީޛުނުކުރުމަށާއި ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް ފަރާތަކުން ޣައިރު ޤާނޫނީ އަމުރަށް ތަބާނުވުމަށާއި، ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ކަންކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން ހިއްވަރާއެކު އަޑު އުފުއްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކޮށް ތިޔަ ކުރައްވާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށް ގޮވާލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ