ދާއިރާގެ މެންބަރު ހުންނަވަނިކޮށް މެންބަރު ހޮވަން ފައިސާ ހިމެނުމަކީ އިސްރާފެއް: ވަހީދު

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބުކޮށްފައި ހުރި މެމްބަރަކު ހުންނަވަނިކޮށް އަނެއްކާ ދެވަނަ މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމަނައިގެން ބަޖެޓު ފާސްކުރުމަކީ ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑު އިސްރާފެއް ކަމަށް މަޖިލިސް މެންބަރު ކަން ގެއްލިފައިވާ ކަމަށް ބައެއް މީހުން ބުނާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި ގުޅިފައިވާ ޕާޓީ ތަކުން ކުރިއަށް ގެންދާ ޕެނަލް ޑިސްކަޝަންގެ މިއަދުގެ މެންދުރު ދަންފަޅީގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ދައުލަތުގެ ހުރިހާ ހަރަދެއް ކުރަމުންދަނީ ރައްޔިތުންގެ އަތުން ނަގާ ޓެކުހުން ކަމަށެވެ. އެހެން ކަމަށްވާއިރު މަޖިލީހުގައި ރައްޔިތުން އިންތިހާބުކޮށްފައި ހުރި މެމްބަރަކު ހުންނަވަނިކޮށް ހަމަ އެދާއިރާއަށް ދެވަނަ މެންބަރަކު އިންތިހާބުކުރުމަށް ބަޖެޓުގައި ފައިސާ ހިމެނުމަކީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ބަޖެޓުގައި ހިތުހުރި އަދަދެއް ޖެހުމަކުން ނުނިމޭ ކަމަށާ، ފައިސާޖެހި މަޝްރޫއުވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުންނަ މަޝްރޫއުތަކާއި، އެމަޝްރޫއުތަކަށް ކަނޑައަޅާފައި ހުރި ފައިސާއަށްވީ ގޮތެއް ބެލުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާތަކުން އެކަންކަން ބަލާ ރައްޔިތުންނަށް އެމައުލޫމާތު ދޭންޖެހޭނެ ކަމަށެވެ.
ވަހީދު ނިސްބަތްވާ ތުލުސްދޫ ދާއިރާގައި ހިމެނޭ ކ. ހުރާ އޮތީ 2018 ވަނަ އަހަރުގެ ބަޖެޓު އައިއިރު ޗާޓުން ބޭރުގައި ކަމަށާ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވަހީދު ވިދާޅުވި އެވެ. ތުލުސްދޫ ދާއިރާއަށް މިސަރުކާރުން ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ 2018 ވަނަ އަހަރުގެ ބަޖެޓުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ ނަމަވެސް ސަރުކާރުން ހުށަހަޅާ ބަޖެޓަށް ގުޅިފައިވާ ޕާޓީ ތަކުގެ މެމްބަރުން ބަހުސް ކުރަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ފުރުސަތު ނުދެއްވާ ކަމަށެވެ.
"ބަޖެޓު ކޮމިޓީގައި އެއްވެސް މެމްބަރަކަށް ވާހަކަ ދެއްކުމުގެ ހައްގެއް ވެސް ނެތް. ބަޖެޓު ފާސްކުރަން މިޖެހެނީ ރައީސް ޔާމީން އަންގާ ގޮތަށް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުން ފައިބާވަޑައިގެން ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ދަރަނި އޮތީ 10 ބިލިއަން ރުފިޔާގައި ކަމަށާއި، އެހެންނަމަވެސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު 22 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. ނަވަވެސް ޔާމީންގެ ވެރިކަމުގެ ފުރަތަަމަ ދައުރު ނިމޭއިރު ދައުލަތުގެ ދަރަނީ 43 ބިލިއަނަށް އަރާނެ ކަމަށާއި މިއީ ބަލައިގަނެވޭނެ އަދަދެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ބަޖެޓުގައި ރަށްރަށުގެ ތަރައްގީއަށް ހިމަނާ ފައިސާގެ ޖުމްލަ އަދަދު ބޭނުން ނުކުރާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. މަޝްރޫއުތައް ހިންގުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިތުރުފުޅު ހައްދަވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ