މޫސުން ގޯސްވުމުން ބައެއް ސަރަހަދުތަކަށް ވައިޓް އެލާޓް ނެރެފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބައެއް ސަރަހަދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން މޫސުމާ ބެހޭ ގައުމި އިދާރާގެ އިސް އޮފިޝަލަކު ބުނީ، ވައިޓް އެލާޓް ނެރިފައި ވަނީ ރ. އަތޮޅާއި ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި މިއެލާޓް ނެރިފައި ވަނީ މިއަދު މެންދުރު 11:35 އިން ފެށިގެން ހަވީރު 5:35 ހަމައަށް ކަމަށް ވެސް އޮފިޝަލް ބުންޏެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންއެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެންމެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލުމާތު ދެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ