ކޮވިޑް-19 ބަލި ފެނިފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ގައުމުތައް

ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ މިހާރުގެ ނަމުންނަމަ ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާއިންނެވެ.
އޭގެ މަދު ހަފްތާތަކެއްފަހުން މިބަލި މުޅި ދުނިޔެއަށް ފެތުރިގެންދިޔައެވެ.
ކޮވިޑް-19 އަކީ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެކެވެ. މިބަލި އިންސާނުންގެ މެދުގައި ފެތުރެނީ ކެއްސާ ކިނބިހި އަޅާއިރު ބުރައިގެންދާ ކުޅުތިކިތަކުގެ ޒަރީއާއިންނެވެ.
ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބޮޑު ބަލިމަޑުހާލަތަކަށް ވެއްޓިއްޖެކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރީ މިދިޔަ މާޗްމަހުގެ 11 ވަނަ ދުވަހުއެވެ.
ވައިރަސް ފެތުރުން ހުއްޓުވަން ދުނިޔޭގެ އެކި ކަންކޮޅުތަކުން، ބައެއް ގައުމުތަކުން ކާފިއު ހިންގާއި، މުޅި ގައުމު ނުވަތަ ގައުމުގެ ބޮޑުބައެއް ލޮކްޑައުންކޮށް، އެއްގަމާއި ވައިގެ ދަތުރުފަތުރު ހުއްޓުވައި، ވިޔަފާރިތަކާއި ސިނާއަތްތައް ބަންދުކޮށް، ސްކޫލްތަކާއި ކޮލެޖްތަކާއި، ޔުނިވަރސިޓީތައް ބަންދުކުރިއެވެ. އެއީ، ވައިރަސް ފެތުރުން ހުއްޓުވެންއޮތް އެންމެ ރަނގަޅުގޮތަކީ އިންސާނުންގެ ހަރަކާތްތައް ހުއްޓުވައިގެން ކަމަށް ގަބޫލު ކުރެވިގެންނެވެ.
ސިއްހީ މާހިރުން ލަފާދެއްވަނީ، ބަލިފެތުރުން ހުއްޓުވޭނީ ނުވަތަ މަދުކުރެވޭނީ އިޖުތިމާއީ ގައިދުރުކަމާއި، ޖިސްމާނީ ގައިދުރުކަން ގާއިމްކޮށް، ޟަރޫރީ ބޭނުމެއް ޖެހިގެން މެނުވީ ގެއިން ބޭރަށް ނުނިކުމެ ތިބެގެން ކަމަށެވެ.
މިކަމާގުޅިގެން ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއެއްގެގޮތުން ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް ތިބީ ގޭގައި ބަންދުހާލަތުގައެވެ.
ކޮވިޑް-19 ބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ މައުލޫމާތު އެއްކުރާ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ އެންމެފަހުގެ ތަފާސްހިސާބުތައް ބުނާގޮތުން މިބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 1.8 މިލިއަނަށް އަރާފައެވެ. އަދި 113،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ.
ކޮވިޑް-19 ބަލި މިހާތަނަށް ދުނިޔޭގެ 185 ގައުމަކުން ފެނިފައިވާއިރު، މިބަލި ފެނިފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ މަދު ގައުމުތަކެއްވެސް ވެއެވެ.
އެ ގައުމުތަކަކީ؛
1. ކޮމޯރޯސް
2. ކިރިބަތީ
3. ލެސޯތޯ
4. މާރޝަލް އައިލެންޑްސް
5. މައިކްރޯނޭޝިޔާ
6. ނައޫރޫ
7. އުތުރު ކޮރެއާ
8. ޕަލާއޫ
9. ސަމޯއާ
10. ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭ
11. ސޮލޮމަން އައިލެންޑްސް
12. ތަޖިކިސްތާން
13. ޓޮންގާ
14. ތުރްކުމެނިސްތާން
15. ޓުވާލޫ
16. ވަނުއާޓޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ