ކޮވިޑް19: ފެލައިނީއާ ބައްދަލުވެފައިވާ ފަރަތްތައް ލަސްނުކޮށް ރިޕޯޓުކުރުމަށް އެދިއްޖެ

ރާއްޖެއިން ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މަންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި ކޮންޓެކްޓުވި ދެ ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ރީތިރަށް ރިސޯޓްގައި ޗުއްޓީ ހޭދަކުރި ފެލައިނީއާ ކޮންޓެކްޓްވެ ބަލީގެ އަލާމާތް ފެނިގެން ދެ މީހަކު ޓެސްޓުކުރަން ގެންދަނީ މާލެ އިން ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި އެވެ.މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވަނީ ފެލައިނީއާ ބައްދަލުވި އެންމެ ވީ އެންމެން އަވަހަކަށް އެޗްޕީއޭ އަށް ގުޅައި އެންގުމަށް އެދިވަޑައިގެންފަ އެވެ. ފެލައިނީއާ ބައްދަލުވި ބައެއް މީހުން އެކަން ނާންގައި ތިބޭކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މީހުން ހޯދަންދެން ނުތިބެ އަމިއްލަ އަށް ރިޕޯޓްކުރުމަށް ވިދާޅުވެފަ އެވެ."ޓެގް ޓީމުން ކުރައްވާފައިވާ އިލްތިމާސަކީ މި ކުޅުންތެރިޔާ (ފެލައިނީ)އާ ބައްދަލުވެ ކައިރި ކޮންޓެކްޓެއް ވެފައިވާ، މާނައަކީ ސަލާންކޮށް އޭނާއަށް ސާވް ކުރި މީހަކު ވިޔަސް ވެސް މިގޮތަށް ކޮންޓެކްޓް ވެފައިވާ މީހެއް ވެއްޖެއްޔާމުން ލަސް ނުކުރައްވާ 1676 އަށް ގުޅާލަދިނުން،" މަބުރޫކް ވިދާޅުވިއެވެ.މަބްރޫކް ވިދާޅުވީ ބަލީގެ އަލާމާތްތައް ފެންނާތީ ދެ ދިވެއްސަކު ޓެސްޓްކޮށް ވެލިދޫ އައިސޮލޭޝަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މާލެ އާއި ރިސޯޓްގައި ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ އއ.ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 340،408 މީހުންނަށް ބަލިޖެހި 14،573 މީހުން މަރުވެފަ އެވެ. ރަނގަޅުވީ 97،029 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ