ރިޔާޒް މާލެ ވަޑައިގަންނަވަން ހުއްދަ ދެއްވީ ފުލުހުން

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މާލެ ވަޑައިގަންނަވަން ހުއްދަ ދެއްވީ ފުލުހުން ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާޒް މާލެ ވަޑައިގަންނަވަން ހުއްދަ ދެއްވީ ފުލުހުން ކަމަށް ފުލުހުން މިރޭ ވިދާޅުވި ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުން ފުރަން ހުއްދަ ދެނީ އެޗްޕީއޭއިން ދޭން ޖެހޭ ހުއްދަތަށް ލިބުމުން ކަމަށާއި، އެ ނޫން ގޮތަަކަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
ނަމަވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރިޔާޒަށް ހުއްދަ ދެއްވީ ފުލުހުން ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށުން އަންނަން ހުއްދަ ދޭއިރު އެއީ ކަރަންޓީން ކޮށްފައިވާ ރަށެއްތޯ އާއި ނުވަތަ މޮނިޓަރިންގައި އޮތް ރަށެއްތޯ ވެސް. އެންމެ ފުރަތަމަ އައި ސިޓުއޭޝަނެއް ނޫން މިހާރު އޮތީ. ކޭސް ބައި ކޭސް ބަލަމުން ގެންދަނީ. ވޭތުވެދިޔަ ހަތަރު ވަރަކަށް ދުވަހު މާލެ އަށް 185 ވަރަކަށް މީހުން އައިސްފައިވާނެ. އެއީ އައިސޮލޭޝަންގައި ނެތް ރަށްރަށް. އަނެއްކާ އަޅުގަނޑުމެން ބަލަން އެ އަންނަ މީހަކު އައިސް ހުންނަނީ ކަރަންޓީނު ކޮށްފައި ހުންނަ ގެއެއްގައިތޯ ވެސް." އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.
މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި ވާތީ އެތައް ބަޔަކު މާލެ އަށް ނާދެވި، އަދި މާލެ އިން ފުރައިގެން ރަށްތަކަށް ނުދެވިފައި އެބަތިއްބެވެ. ނަމަވެސް މާލެ ފުރަބަންދުގައި އޮއްވާ ރިޔާޒު މާލެ ވަޑައިގަތުމުގެ ފުރުސަތު ދެއްވާފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ