ގިރާވަރުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން އަނެއްކާވެސް ފުރުސަތު ދީފި

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މާލެ ރައްޔިތުންނަށް، އެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދެން އިތުރު ފުރުސަތެއް ދީފިއެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ބަލައި، 2،450 އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅީ، ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ.
އެހެންކަމުން ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅައިފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށާ އެ ބަދަލާއެކު ގުޅިގެން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދޭން ހުޅުވައިލަން ނިންމައިފައިވާ ކަމަށް ބުންޏެވެ.
މިހާރު އިއުލާންކޮށްފައިވަނީ 1،250 އަކަފޫޓުގެ ޖުމްލަ ތިން ގޯތި ދޫކުރާ ކަމަށާއި އަދި 1،650 އަކަފޫޓުގެ 20 ގޯތި ދިނުމަށެވެ.
ގޯތި ބަދަލުކުރަން ހުށައެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަަމަށް ވެސް ބުންޏެވެ.
ކުރީން ދިން ފުރުސަތު ގައި 1250 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 928 ފޯމު ހުށަހަޅާފަ ވެއެވެ. 1650 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް 769 ފޯމާއި، 2050 ފޫޓުގެ ގޯތި ބަދަލު ކުރުމަށް 213 ފޯމު ހުށަހަޅާފައި ވެ އެވެ. އަދި 2450 އަކަފޫޓުގެ ގޯތި ބަދަލު ކުރުމަށް ތިން ފަރާތަކުން އެދިފައިވެ އެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ