ވީޑިއޯ ކޮންފަރެންސިން ނިޒާމް މެދުވެރިކޮށް ބާއްވާ ތައުލީމީ ދާއިރާގެ ފުރަތަމަ ކޮންފަރެންސް ފަށައިފި

ވީޑިއޯ ކޮންފަރެންސިން ނިޒާމް މެދުވެރިކޮށް ބާއްވާ ތައުލީމީ ދާއިރާގެ ފުރަތަމަ ކޮންފަރެންސް، ޓީއާރުސީ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ޓީޗާސް ރިސޯސް ސެންޓަރު (ޓީއާރުސީ) ތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ޕްލޭންތައް އެކުލަވާލުމަށް މިއަދު ހެނދުނު ނޭޝަނަލް އިންސްޓަޓިއުޓް އޮފް އެޑިޔުކޭޝަންގެ ސެމިނާ ރޫމްގައި ފެށި އެއް ދުވަހުގެ މި ކޮންފަރެންސްގައި ރާއްޖޭގެ ވިހި ޓީއާރުސީ އަކުން 110 ބައިވެރިން ބައިވެރިވެ އެވެ.
މި ކޮންފަރެންސް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މިއަހަރު ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް އަމާޒަކީ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު ކާމިޔާބު ކަމާއި އެކު ތަންފީޒުކުރުމަށްޓަކައި މުދައްރިސުންނަށް ދޭންޖެހޭ ފަންނީ ތަމްރީނުތައް ދިނުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަންތައްތައް ހާސިލްކުރުމަށް، މިއަހަރުގެ ތެރޭގައި، އިތުރު 10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކޮށް، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް މި ނިޒާމުގެ ތެރެއިން ގުޅުވާލެވޭނެ ކަމަށެވެ.
"މިއީ ފަންނީ ތަމްރީނުތައް ހޯދުމަށް ދަތުރުތައް މަދުކޮށް މާލެ އައުމުގެ ބަދަލުގައި ފަސޭހަކަމާއެކު، ތަމްރީނުތައް ދިނުމަށް ކުރެވޭ މަސައްކަތެއް. އަޅުގަނޑުގެ އިލްތިމާސަކީ، މި ވަސީލަތުގެ ބޭނުން ހުރިހާ ބޭފުޅުންވެސް ހިއްޕަވައި، ފެންވަރު ރަގަޅު ތަޢުލީމަކަށް ކޮންމެހެންވެސް ބޭނުންވާ ތަމްރީނުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިންގަވައިދެއްވުން." އެކަމަނާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ޤައުމީ އާ މަންހަޖު ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭނީ، ސްކޫލްތަކާއި ތަޢުލީމީ ދާއިރާގެ ތަފާތު މުއައްސަސާތަކުން އެއް އަމާޒަކަށް މަސައްކަތްކޮށް، ފަންނީ މަރުކަޒުތަކާއި ސްކޫލްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް އަދި މަޢުލޫމާތު ބަދަލުކުރެވޭނެ ފުރުސަތުތައް ގިނަކުރެވިގެންނެވެ.
އެހެންކަމުން ވީޑިއޯ ކޮންފަރެންސިން ސިސްޓަމަކީ މިފަދައިން ބޭނުންކުރެވިދާނެ މުހިއްމު ވަސީލަތެއްކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މި ކޮންފަރެންސްގެ މަގްސަދަކީ މިދިޔަ އަހަރު އާ މަންހަޖު ތަންފީޒު ކުރަން ފެށުމާއި ގުޅިގެން ސްކޫލްތަކުގައި ޓީއާރުސީ ތަކުން ހިންގުނު ތަފާތު ހަރަކާތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު މުހިއްމު ކަންތައްތަކާއި، ސްކޫލަތަކަށް މަންހަޖު ތަންފީޒު ކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި އަދި އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކާއި  ބެހޭ ގޮތުން މަންހަޖު ތަންފީޒު ކުރުމާއި ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކުރުން ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ