ކޮންމެ އަހަަރަކު 8 ފަހަރު އާބާދީގެ 82 ޕަސެންޓް މީހުން އާސަންދަ ހިދުމަތް ހޯދާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ވަނީ އާބާދީގެ 82 ޕަސެންޓް މީހުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދާފައިވާ ކަމަށާއި އާސަންދައިގެ ދަށުން އެންމެ ބޮޑު ހަރަދެއް 2012 އަދި 2013 ވަނަ އަހަރު ވެސް ހިނގާފައި ވަނީ އެޑްމިޓްނުކޮށް، ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ހެދުމަށް ކަމަށެވެ.
އާބާދީގެ 82 ޕަސެންޓް މީހުން އަަހަރަކު 8 ފަހަރު ޑޮކްޓަރަށް ދައްކައި ތަހްލީލްތައް ހެދުމާއި ބޭހަށް 2012 ވަނަ އަހަރު ޖުމްލަ 524.4 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު 2013 ވަނަ އަހަރު 509.3 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން 2012 ވަނަ އަހަރު އެޑްމިޓްނުކޮށް އާސަންދައިން ހޯދާފައިވާ ހިދުމަތްތަކަށް 387 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އަދި 2013 ވަނަ އަހަރު 355 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުން ބޭސްކުރަން 2012 ވަނަ އަހަރު 73 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 2013 ވަނަ އަހަރު ހަރަދުވެފައިވަނީ 88 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްއިން ދައްކާ ގޮތުގައި އާސަންދަ ހިދުމަތަށް 2012 ގައި ޖުމްލަ 844 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2013 ވަނަ އަހަރު މި ހިދުމަތަށް ހޭދަކޮށްފައިވަނީ 816 މިލިއަން ރުފިޔާއެވެ.
ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ނިސްބަތުން ހަގު އަދި ޒުވާން އުމުރުގެ މީހުން ކަމަށްވާއިރު އާބާދީގެ 82 ޕަސެންޓް މީހުން ބަލިވެގެން އަހަރެއްގެ ތެރޭގައި މަދުވެގެން 8 ފަހަރު އާސަންދައިގެ ހިދުމަތް ހޯދަން ޖެހުމަކީ ރާއްޖޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮކަމާ މެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމެއް ކަމުގައި ދެކޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ކޮންމެ އަހަަރަކު 8 ފަހަރު އާބާދީގެ 82 ޕަސެންޓް މީހުން އާސަންދަ ހިދުމަތް ހޯދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ