ކަލާފާނު ސްކޫލް ބަންދުކޮށް ދިރާސާތައް ހަދަން ފަށައިފި

ކަލާފާނު ސްކޫލްގައި ތެޔޮވަހެއް ދުވުމުގެ ސަބަބުން ދަރިވަރުންނަށް ސިއްހީ މައްސަލަތަކެއް ދިމާވާތީ، އެ ސްކޫލް ބަންދުކޮށް ދިރާސާތަކެއް ހަދަން ފަށައިފި އެވެ. މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެންވާރަމެންޓް މިނިސްޓްރީ އާއި ސްޓެލްކޯއާ ގުޅިގެން ޚާއްސަ އެސެސްމެންޓުތަކެއް ކުރިއަށްގެންދަން ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް ނިމި އާދީއްތަ ދުވަހު ސްކޫލް ހުޅުވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ "އާދީއްތަ ދުވަހު ސްކޫލް ހުޅުވޭނެ ކަމަށް މި ގަބޫލުކުރެވެނީ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އެއީ ކަލާފާނު ސްކޫލްތެރޭގައި ވިހައެއް ހުރުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި އެހެންނަމަވެސް އެކަންތައް އެހާ ސީރިއަސް ނޫން ކަމަށެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ އިއްޔެ ހެނދުނު އެ މައްސަލަ ފާހަގަކުރެވުނު ހިސާބުން ފެށިގެން ސްޓެލްކޯއާ ގުޅިގެން މޮނިޓަރިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އިއްޔެ ހެނދުނުން ފެށިގެން މޮނިޓަރިން މަސައްކަތް ފައްޓައިގެން ސްޓެލްކޯއާ ގުޅިގެން ކުރިއަށް މިދަނީ. މިއަދު ހެނދުނު އަޅުގަނޑުމެންނަށް މައުލޫމާތު މިލިބުނީ މުޅި ސްކޫލްތެރޭގައި ސްޓްރޯންގް ސްމެލް ހުރިކަމަށް. އެހިސާބުން އަޅުގަނޑުމެންނާ އެޑިއުކޭޝަން މިނިސްޓްރީއާ ސްޓެލްކޯއިން މިނިންމީ އިތުރަށް ސްކޫލްކުދިން ނުބައިތިއްބާ. ސްކޫލް ބަންދުކޮށްގެން އިތުރަށް ދިރާސާކުރުމުގެ ކަންތައް ކުރިއަށް ގެންދަން،" ތޯރިގު ވިދާޅުވި އެވެ. އެންވާރަމެންޓް މިނިސްޓަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ މިނިސްޓަރު ވިދާޅުވީ މިއީ ހުޅަނގު މޫސުމަށް ވައި ބަދަލުވާ ދުވަސްކޮޅަށް ވާތީ، ހުޅަނގު މޫސުމުގެ ވައި ރަށުތެރެއަށް ފެތުރުމުން ބައެއްފަހަރަށް އެފަދަ ކަންތައް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. "އެހެންވީމަ މިހާރު އަޅުގަނޑުމެން މިގެންދަނީ އިކުއިޕްމެންޓް ބޭނުންކޮށްގެން، ގޭސް އެނަލައިޒާ ބޭނުންކޮށްގެން، ގޭސްގެ މެޝާމަންޓް ހެދުމާއި އަދި އިތުރަށް ވިންޑް މެޝާމަންޓްސް ވެސް ބޭނުންކޮށްގެން މިއަދު ކޮންޓިނިއުއަސްކޮށް މެޝާކުރަމުން އެބަގެންދަން،" ތޯރިގު ވިދާޅުވި އެވެ. އެ މައްސަލާގައި އިތުރަށް ކުރިއަށްދާނެ ގޮތެއް ނިންމޭނީ ދިރާސާތަކަށްފަހު ހޮނިހިރު ދުވަހު ކަމަށާއި ސްކޫލް ބެލެނިވެރިންނާއި ރައްޔިތުންނަށް އެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށް ވެސް އެންވާރަމެންޓް މިނިސްޓަރު ވިދާޅުވި އެވެ. ކަލާފާނު ސްކޫލް ގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ އިއްޔެއާއި މިއަދު ހިނގި ހާދިސާގައި ވެސް ބޮލުގައި ރިއްސުމާއި ހޮޑުލެވުން ފިޔަވައި އިތުރު ސިއްހީ މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ. އަދި އެއްވެސް ދަރިވަރަކު ހޮސްޕިޓަލަށް ގެންގޮސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ "މިއަދު ވަސްހުރި. ދުމުގެ އަސަރެއް ސްކޫލްތެރެއަކު ނެތް. ތެޔޮކަހަލަ ވަހެއް. މިވަސް ދުވުމާ ވިދިގެން ބޮލުގަ ރިއްސާތީ ކޮމްޕްލައިން ކުރަމުން އައީ. ހޮސްޕިޓަލަށް ގެންދާވަރުގެ ކްރިޓިކަލް އެއްވެސް ކޮންޑިޝަނެއް ދިމާނުވާކަން އަޅުގަނޑު ޔަގީންކަމާ އެކު އަރުވަން،" ނާޒްލީން ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓަރު މިއަދު ކަލާފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން މިއަދު އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ އެ ސްކޫލަށް ވަޑައިގެން ސްކޫލްގެ ވެރިންނާ ބައްދަލުކުރައްވައި، އެކަން ހިނގައިދިޔަގޮތުގެ މައުލޫމާތު އޮޅުންފިލުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ