ވޯޓުން މި ސަރުކާރަށް ހިތިކަން ފެންނާނެ: އުމަރު

މިއީ ކުރީ ސަރުކާރަށް ވުރެ ވެސް ބޮޑަށް ކޮރަޕްޓް ވެފައިވާ ސަރުކާރެއް ކަން ޔަގީން ވެއްޖެ ކަމަށާއި އޭގެ ހިތިކަން ސަރުކާރަށް އިންތިހާބުގެ ވޯޓުގެ ނަތީޖާއިން ފެނިގެން ދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެމްއޭސީއެލްއިން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލަގާއި ސަރުކާރުން މިހާރު ނިންމާފައިވާ ގޮތް ވެސް "ކޮރަޕްޓް" ކަމަށެވެ.
އޭނާ ވިދާޅުވީ، ޓީއެމްއޭގެ މައްސަލަ ސަރުކާރުން ނިންމި ގޮތުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާ ގުޅުން ހުރި ކުންފުނިތަކަށް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލުތަކުން ވެސް އެމްޑީޕީގެ މި ސަރުކާރަކީ ކުރީގެ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއް ކަން ސާފުވާ ކަމަށެވެ. އަދި އޭގެ ހިތި ނަތީޖާ "2023 ގެ ވޯޓު ފޮށިން" ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައުމަށް ފަހު ދުނިޔަވީ އެދުންތަކަށް ލެބި، މިސްރާބު ގެއްލި، ވީ ވައުދުތަކުގެ މަތިން ހަނދާން ނެތިގެންދޭ، މި އުޅުއްވާ ސިޔާސީ ލީޑަރުންތައް އިންތިހާބު ކޮށްގެން ލިބޭނީ އެކައްޗެއް. ވާނީ އެއް ގޮތެއް. ނުކުންނާނީ އެއް ނަތީޖާއެއް. މި ރާއްޖެ ދާންވީ މުޅިން އާ މިސްރާބަކަށް." އުމަރު ނަސީރު ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ވަރަށް ގިނަ ކުންފުނިތަކަށް ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުކުމް އައިސްފައިވެ އެވެ. އަދި ބަދަލު ދިނުމަށް އެދި ބައެއް ކުންފުނިތަކުން އާބިޓްރޭޝަނަށް ހުށަހަޅާފައި ވަނިކޮށް، ކޯޓުން ބޭރުގައި ކުންފުނިތަކާ މަޝްވަރާކޮށްގެން ވެސް ބަދަލުގެ ގޮތުގައި ފައިސާ ދައްކާފައިވެ އެވެ.
ސަރުކާރުން ބުނަނީ ކޯޓުން ބޭރުގައި ކުންފުނިތަކާ މަޝްވަރާ ކޮށްގެން ދެ ފަރާތުން އެއްބަސްވެވޭ އަދަދަކަށް ބަދަލުގެ ގޮތުގައި ފައިސާ ދައްކަމުން ދަނީ ޝަރީއަތުގައި އެ އާބިޓްރޭޝަން މައްސަލަ އަނެއް ފަރާތުން ކާމިޔާބުކޮށްފިނަމަ ދައުލަތަށް ދައްކަން ޖެހޭ އަދަދު ބޮޑުވެދާނެތީ އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން، ކޯޓުން ބޭރުން ބަދަލު ދެމުން ދަނީ ކޯޓުގައި އެ އާބިޓްރޭޝަން މައްސަލަ ކުންފުނިތަކަށް ކާމިޔާބު ނުވާނެ ކަން އެނގޭތީ އެވެ. އޭގައި ސަރުކާރުން އިދިކޮޅު ފަރާތްތައް ގޯސްކުރެ އެވެ. އެއީ ގާނޫނާ ހިލާފަށް ކުންފުނިތަކާ ވެފައިވާ އެއްބަސްވުންތައް އޭރުގެ ސަރުކާރުން އުވާލާފައިވާތީ ކަމަށް ބުނެ އެވެ.
އޭގެ ފަހުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް އާ ސީޕްލޭން ޓާމިނަަލް ދޭން އުޅޭ ކަމުގެ އަޑުފެތުރިފައި ވަނިކޮށް، ސަރުކާރުން ސީޕްލޭން ޓާމިނަލްގެ 5،300 އަކަފުޓޫގެ ސަރަހައްދެއް ޓީއެމްއޭއަށް ދޭން ނިންމި އެވެ. އެކަމަކު ޓީއެމްއޭއިން ބުނީ ކުރީގެ ސަރުކާރުން ފެށިގެން އެ ކުންފުންޏަށް އެމްއޭސީއެލް އިން ޔަގީންކަން ދެމުން ދިޔައީ 15 އަހަރުގެ ދުވަހަށް ޓާމިނަލް ދޭ ގޮތަށެވެ.
އެކަމަކު އެ ގޮތަށް އެއްބަސްވެ ސޮއިކޮށްފައިވާ އެއްވެސް ލިޔެކިޔުމެއް ނެތެވެ. އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައި ވަނީ އާ ސީޕްލޭން ޓާމިނަލްގެ 6،400 އަކަފުޓޫގެ ޖާގައެއް ދެ އަހަރުގެ މުއްދަތަށް ޓީއެމްއޭއަށް ދިނުމަށެވެ. އެއީ މަހަކު އަކަފޫޓަކަށް 10.35 ޑޮލަރު ދައްކާ ގޮތަށެވެ.
އެހެން އޮޕަރެޓަރުންނަށް ވެސް ހަމަ މިހާރު ދޫކޮށްފައިވާ ޖާގައަށް ޓީއެމްއޭއަށް ދޭ ރޭޓުގައި ކުއްޔަށް ދިނުމަށްފަހު، ބާކީ އޮންނަ 21،000 އަކަމީޓަރު ޓެންޑަރުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށް ސަރުކާރުން ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ