ނަޝީދުގެ މައްޗަށް އަދިވެސް ދައުވާތައް އުފުލަންޖެހޭ: މިނިސްޓަރު އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަދިވެސް ތަފާތު ދައުވާތައް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ދ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރުމުން އެކަމުގެ އުފަލުގައި މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ހުކުމެއް އައިސްގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގޮސްފައި ވަނީ ނާއިންސާފުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ހުކުމެއް ނުކޮށް ދޫކޮށްލެއްވި ނަމަ އޭގެ މާނައަކީ ވެރިއަކަށް ހުންނަ ކޮންމެ މީހަކު ކޮންމެ ފަދަ ކަމެއް ކުރެއްވި ނަމަވެސް އެކަމަށް ދައުވާ ކޮށްގެން ނުވާނޭ ކަމަށެވެ. ” ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މަގުމަތީގައި ގިނައިން ހިނގި ވަރަކަށް ފައިވާން ފޫވެއްޓޭނީއޭ. ތިކަމުން ވާނެ އެއްވެސް ކަމެއް ނޯންނާނެ“މިނިސްޓަރު އުމަރު "މީނާއަށް [ރައީސް ނަޝީދު] ހުކުމް އައިސްގެން ނުވާނެ ކަމަށް ބުނާ މީހުންނަށް އަޅުގަނޑު ދަންނަވާނީ ތިޔަ ގޮވާލަނީ ތިޔަ ވިދާޅުވަނީ ދިވެހިރާއްޖޭގައި އަދުލު އިންސާފު އޮވެގެން ނުވާނެ ކަމަށޭ ތިޔަ ގޮވާލަނީ. އެއީ އޭ ތިޔަ ބުނެވޭ އެއްޗަކީ. މުހައްމަދު ނަޝީދަށް މި އުޅެނީ އަދި އެންމެ ދައުވާއެއް އޭނާގެ މައްޗަށް ކުރެވިގެން. ހަގީގަތުގައި މީނާ [ރައީސް ނަޝީދު]ގެ މައްޗަށް ތަފާތު ދައުވާތައް ކުރެވެންޖެހޭ. އޭގެތެރޭގައި އެއް ދައުވާ 8 ފެބްރުއަރީ 2012 ގައި ރާއްޖޭގެ އެތައް މިތާނގައި ޖެހި ހުޅު،" އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ 8 ފެބްރުއަރީގައި ކަންތައް ހިނގާ ދިޔަ ގޮތުން އެކަމުގެ ދައުވާ ލިބޭ އެތައް ދިވެހި ރައްޔިތުންތަކެއް ޖަލުގައި އެބަ ތިބި ކަމަށެވެ. ނަމަވެސް ދައުލަތުގެ އެކި ތަންތަނުގައި ހުޅުޖެހުމަށް ގޮވާލައި އެކަން ކަމަށް ބާރު އެޅުއްވި މީހުންނަށް އަދި ދައުލަތުން ދައުވާ އުފުލާފައި ނުވާ ކަމަށެވެ."އެ ދައުވާ އަޅުގަނޑުމެން އުފުލައިފިއްޔާ އަޅުގަނޑު ދަންނަވާނީ މީގެ މައްޗަށް އަނެއް ހުކުމް ވެސް އަންނާނޭ. އެހެންވީމަ މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާ މަގުމައްޗަށް ނުކުންނަވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މަގުމަތީގައި ގިނައިން ހިނގި ވަރަކަށް ފައިވާން ފޫވެއްޓޭނީއޭ. ތިކަމުން ވާނެ އެއްވެސް ކަމެއް ނޯންނާނެއޭ،" އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ ގާނޫނީ ހުކޫމަތެއް ހިނގަމުންދާއިރު އެކަމަށް އަތްބާނާ ކޯޓުގައި އޮތް މައްސަލައެއް ހުއްޓުވާކަށް މިއަދުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. ސަރުކާރާ ދިމާލަށް ކޮންމެ ފަދަ ގޮތަކަށް ވާހަކަދެއްކިޔަސް އަދުލު އިންސާފަށް މިއަދުގެ ސަރުކާރުން ހުރަސް ނާޅުއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ."ދިވެހިރާއްޖޭގެ ކުރީގެ ރައީސަކަށް ހުކުމް އައިސްފައިވާތީ އަޅުގަނޑުމެން ހިތާމަ ކުރަން. އެހެންނަމަވެސް އެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ކުރެވިގެންދާނެ. އެމްޑީޕީ ދެން ތައްޔާރުވާންވީ އާ ލީޑާޝިޕަކަށް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ