މަޝްވަރާތައް ކާމިޔާބު ކުރުމަށް ސަރުކާރުން އަދިވެސް ދޫދޭނެ: އުމަރު

އިދކޮޅު ސިޔާސީ ފަރާތްތަކާ އެކު ކުރުމަށް ސަރުކާރުން އިސްނަގާފައިވާ މަޝްވަރާތައް ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން އަދިވެސް ދޫ ދޭން ޖެހިއްޖެ ނަމަ ދޫ ދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އިދިކޮޅު އެމްޑީޕީއާ އެކު މިރޭ ބޭއްވި، މަޝްވަރާތައް ފެށުމުގެ ވާހަކަތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުމަރު ވިދާޅުވީ މަޝްވަރާތަކަށް މަގު ފަހިކުރުމުގެ ގޮތުން މިހާރު ވެސް ސަރުކާރުން ލުއިތަކެއް ދީފައިވާނެ ކަމަށެވެ. އަދި އެކި ކުށްކުށުގައި ސިޔާސީ މީހުން މިހާރު ވެސް ހުކުމް ތަންފީޒުކުރަމުންދާ އިރު، ސަރުކާރުން ލުއިތަކެއް ދީފައިވާ ކަން އެމްޑީޕީ އަށް ވެސް އެނގޭނެ ކަމަށާއި ސަރުކާރު މިހާރު ވެސް އޮތީ އިތުރު ދޫތައް ދޭން ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު މިރޭ ބޭއްވި، މަޝްވަރާތައް ފެށުމުގެ ވާހަކަތަކުގައި ދެ ފަރާތުން ޚިޔާލު ބަދަލުކުރައްވަނީ. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން މިނިސްޓަރު އުމަރު ވިދާޅުވީ ދެ ބައިމީހުންނަށް ވެސް އެއްބަސްވެވޭ ކަންތަކެއް ސިޔާސީ މަސްރަހުގައި އެބަ ހުރި ކަމާއި ގައުމީ އެއްބައިވަންތަކަމަކަށް މަސައްކަތް ކުރުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދެވުނީމާ ސަރުކާރުން ބޭނުންވާ ތަރައްގީ ހާސިލުކުރަން ފަސޭހަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މަޝްވަރާކުރަން ސަރުކާރުން ހުށަހެޅި ކަންކަން: ސިޔާސީ ހިޔާލް ތަފާތުވުމާއި ނުތަނަވަސްކަން ނައްތާލަން ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައި، އެކުގައި މަސައްކަތްކުރުން. ޑިމޮކްރަޓިކް ނިޒާމް ހަރުދަނާކުރުމަށް ދުސްތޫރީ އަދި ޝަރުއީ ނިޒާމް ހަރުދަނާކުރުމަށް އެކުގައި މަސައްކަތްކުރުން. ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމާއި ތަރައްގީގައި ސިޔާސީ ހުރިހާ ފިކުރުތަކެއްގެ މީހުން ވެސް އެއްބާރުލުން ދިނުން. މިރޭ ވާހަކަތައް ކުރިއަށް ގެންދާނެ މައިގަނޑު ސުރުހީތަކާ މެދު ޚިޔާލު ބަދަލުުކުރެވުނު ކަމުގައި ވިޔަސް، އުމަރު ވިދާޅުވި ގޮތުގައި، ވާހަކަތައް ކުރިއަށް ގެންދާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައިގެން މަޝްވަރާތައް ކުރިއަށް ދާނީ އެމްޑީޕީން ހުށަހަޅާ ކަންތައް ސަރުކާރަށް ލިބުނީމަ އެވެ. އަދި އަންނަ އާދީއްތަ ދުވަހު ފުރަތަމަ މަޝްވަރާތައް ބޭއްވުމަށް މިރޭ އެއްބަސްވެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު މިރޭ ބޭއްވި، މަޝްވަރާތައް ފެށުމުގެ ވާހަކަތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ މަންދޫބު، ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި ޕީޕީއެމަށް ވެސް ސިޔާސީ ހަރަކާތްތައް ފެއްޓުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމުން، ދެ ޕާޓީ އަށް ވެސް ސިޔާސީ މަސްރަހުގައި ހިނގައިގަންނަން ފެށުނީ ނުބައި ފަޔަކުންނެވެ.. ނަމަވެސް މި ދެ ޕާޓީ މިހާރު ވަނީ ވެރިކަމުގެ ތަޖުރިބާ އާއި އިދިކޮޅު ޕާޓީގެ ތަޖުރިބާ ވެސް ކޮށްފައި ކަމުން، ދެ ޕާޓީއަކީ ވެސް ސިޔާސީ މަސްރަހަށް ތަސައްރަފް ފުދިފައިވާ ޕާޓީއެއް ކަމަށް އުމަރު ވިދާޅުވި އެވެ. މިރޭގެ ވާހަކަތަކަށް ފަހު، އެމްޑީޕީގެ މަންދޫބު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި ވާހަކަތައް ކުރިއަށް ގެންދިޔުމަށް މައިގަނޑު ފަސް ނުކުތާއެއް އެމްޑީޕީން ވާނީ ހުށަހަޅައިފަ އެވެ. އެމްޑީޕީން ހުށަހަޅާ ކަރުދާސްތަކުގައި ހިމެނޭ މުހިއްމު ޕޮއިންޓްތައް: ބަރުލަމާނީ ވެރިކަމެއް ގާއިމްކުރުންމަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަން އިންޑިއާ އިން ބޭފުޅަކު ހަމަޖެއްސުންހުރިހާ ސިޔާސީ ޕާޓީތައް އެކުގައި މަޝްވަރާކުރުންދައުވާ އުފުލާފައިވާ ނަޝީދާއި އެހެން ބޭފުޅުން މިނިވަންކުރުންމެއި 1ގެ މުޒާހަރާއާ ގުޅިގެން ސިޔާސީ ލީޑަރުންނަށް ދައުވާ ނުކުރުންމުޒާހަރާގައި ހައްޔަރުކުރި އާއްމުންގެ މައްޗަށް ދައުވާ ނުކުރުންވިޔަފާރިވެރިންނާ މެދު ސިޔާސީ އަދި ޒާތީ ފިޔަވަޅު އެޅުން ހުއްޓާލުންސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުންކައުންސިލަރުން ސަސްޕެންޑްކުރުމާއި ބިރު ދެއްކުން ހުއްޓާލުންހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރުން ހުއްޓާލުން ޗައިނާ އަށް ބަރޯސާވުން ހުއްޓާލައި، ދިވެހިންނަށް ފައިދާވާ ގޮތަށް ހާރިޖީ ސިޔާސަތު ކަނޑައެޅުންޝަރުއީ ދާއިރާ ހަރުދަނާކޮށް، ކޯޓުތަކުން އިންސާފު ލިބޭނެ އިންތިޒާމް ހަމަޖެއްސުން އެ ގޮތުން މި މަޝްވަރާތަކުން ނަތީޖާއެއް ނެރެން ބޭނުންވާ ނަމަ ހުރިހާ ޕާޓީތައް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކުރުމާއި، ކޮންމެ ޕާޓީއެއް ތަމްސީލްކުރާނެ މަންދޫބުން ކަނޑައެޅުމުގެ އިޚްތިޔާރު އެ ޕާޓީއަކަށް އޮތުމާއި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތުގެ އަސާސީ ތާވަލަކަށް އެއްބަސްވުމާއި ވާހަކަތައް ކާމިޔާބު ވެއްޖެ ތޯ ނޫންތޯ ކަނޑައަޅާނެ މިންގަނޑަކާ މެދު އެއްބަސްވުން ހިމެނެ އެވެ. އިބޫ ވިދާޅުވި ގޮތުގައި އިތުރު މަޝްވަރާތަކަށް ދާނީ މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތުގެ އަސާސީ ސިފަތަކަށް އެއްބަސްވެވުމުންނެވެ. ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު މިރޭ ބޭއްވި، މަޝްވަރާތައް ފެށުމުގެ ވާހަކަތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން އެމްޑީޕީގެ މަންދޫބު އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. --ހަވީރު ފޮޓޯ މުހައްމަދު ޝަރުހާން އިބޫ ވިދާޅުވީ މަޝްވަރާތައް ފެށުމުގެ ކުރިން ވެސް، ސިޔާސީ މައްސަލަތަކެއް ކަމަށް ބެލެވޭ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބި މީހުންނަށް ލުއިތަކެއް ލިބެބްެޖެހޭ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފަދަ ސިޔާސީ ދަތިތަކެއް ކުރިމަތިވެފައިވާ ވިޔަފާރިވެރިންނަށް ވެސް ލުއިތަކެއް ލިބެންޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ އިތުރުން އިބޫ ވިދާޅުވި ގޮތުގައި ވަޒީފާތަކުގައި ތިބި މީހުންނާ މެދު ކުރިމަތިވާ ސިޔާސީ ދަތިތައް ހައްލުުކުރުމާއި، ޑރ. އަފްރާޝީމްގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށާއި ސިޔާސީ މީހުންނާއި ނޫސްވެރިންނަށް ފޮނުވާފައި ހުރި އިންޒާރުގެ މެސެޖްތަކުގެ ވެސް މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީން ހުށަހަޅާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހު އަމާންކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މަޝްވަރާތައް ފަށާއިރު ސިޔާސީ ހުކުމްގަ އާއި ތަހުގީގުގައި 400 މީޙުން އެބަތިއްބެވެ. ހުކުމްގައި މިހާރު ތިބި ހަތަރު ބޭފުޅުންގެ ގޮތުގައި އިބޫ ފާހަގަކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މި ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ނަޝީދު ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ. އޭގެ އިތުރުން ތަހުގީގު މަރުހަލާގައި ތިބި ފަސް ބޭފުޅެއްގެ ކަންތައް ވެސް ހުށަހަޅާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ