ދެ ދޫނި ވަގަށް ނެގި ކަމަށް ބުނާ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި
ދެ ދޫނި ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއް ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. އެ ކޯޓުން އެގޮތަށް އަމުރުކުރީ ސ. ހިތަދޫ ޖެމިސްކޯ، ފައިސަލް ހަސަންގެ މައްޗަށް ދެ ދޫނި ވަގަށް ނެގިކަމުގެ ދައުވާ އުފުލުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. ފައިސަލްގެ މައްޗަށް ދައުލަތުން އެ ދައުވާކުރީ ހިތަދޫގައި ލަވް ބާޑް ކޮށްޓަކުން ހަތަރު ލަވް ބާޑް ވަގަށް ނަގާފައި ވަނިކޮށް އޭގެ ތެރެއިން ދެ ލަވް ބާޑް އެހެން މީހަކަށް ވިއްކާފައި ވަނިކޮށް ފެނިފައިވާތީ އެވެ. އެއީ އެހެން މީހެއްގެ އަތުން ގަތް ދޫނިތަކެއް ކަމަށް ފައިސަލް ބުނި ނަމަވެސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށްފަހު އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވީ ދައުވާލިބޭ ފަރާތަށާއި ދައުވާކުރާ ފަރާތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ކޯޓުން ދީފައި ނުވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ހިތަދޫ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖްރާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަލުން ބެލުމަށް ހިތަދޫ ކޯޓަށް އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ