އާންމުންގެ ތެރެއިން އެލްޖީއޭއަށް ޗާންދަލިޔާ އަހުމަދު ހަސަން
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކަށް އަހުމަދު ހަސަން (ޗާންދަލިޔާ) ރައްޔިތުންގެ މަޖިލީހުން މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 57 މެމްބަރަކު ތާއީދު ކުރައްވައިފަ އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. އަހުމަދު ހަސަނަކީ ކޮމިޓީން އެންމެ މަތީ މާކްސް ލިބިވަޑައިގެންނެވި ބޭފުޅާ ވެސްމެ އެވެ. އަހުމަދު ހަސަނަށް ވަނީ 88.6 ޕަސެންޓް ލިބިވަޑައިގެންފަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ހަސަނަކީ އައްޑުއަށް ނިސްބަތްވާ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީގެ މަސްއޫލުވެރިޔާ އެވެ. އަދި އައްޑޫ ވޮލީ ޓީމު ހިޒް ކްލަބްގެ މަސްއޫލުވެރިޔަކީ ވެސް އޭނާ އެވެ. އެލްޖީއޭއަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވައިލުމުން އެކަމަށް އެދި 17 މީހަކު ހުށަހެޅި އެވެ. އަދި އެ މީހުންގެ ނަންތައް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކުރިއިރު ނިންމީ، ކުރިމަތިލި މީހުންގެ އިންޓަވިިއުއަށް ބެލުމަށް ފަހު، 75 ޕަސެންޓް އިން ފެށިގެން މާކްސް ލިބޭ މީހުންނަކީ އެލްޖީއޭއަށް ގާބިލް މީހުން ކަމަށް ނިންމުމަށެވެ. އެ އުސޫލުން ކޮމިޓީން މާކްސް ދިންއިރު، އެންމެ މަތިން ފާސްވީ އަހުމަދު ހަސަންގެ އިތުރުން ފުވައްމުލަކު ރަންދުވަރު އަހުމަދު ސައީދެވެ. އާންމުންގެ ތެރެއިން އެލްޖީއޭއަށް ކަނޑައަޅާފައިވާ މެމްބަރުކަން ހުސްވީ، ކުރިން އެ މަގާމު ފުރުއްވަމުން އައި ޝުޖާއު ހުސެއިން ވަކިކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ