ހިދުމަތް ހޯދާ މީހުން އިތުރުވެއްޖެ: އައިއެމްޑީސީ

އާސަންދައިގެ ހިދުމަތް އައްޑޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީން ވެސް ލިބެން ފެށުމުން އެތަނަށް އަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީން ހިތަދޫގައި ހިންގާ ހޮސްޕިޓަލާ ބެހޭ ގޮތުން ސިމްޑީގެ ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އަހުމަދު އިރާޝް ވިދާޅުވީ އައިޑީ ކާޑު ދެއްކުމުން ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދައިގެ ހިދުމަތް އައިއެމްޑީސީން ލިބޭތީ، އެތަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. މިދުވަސްކޮޅު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ހުރުމާ ގުޅިގެން އެތަނަށް އަންނަ ކުދިން ގިނަވެފައިވާ ކަމަށް އައިއެމްޑީސީން ބުނެ އެވެ. "އޭގެ އިތުރަށް އާންމު ބަލިތަކާއި އަދި އެނޫން ވެސް އެކިއެކި ފަރުވާތައް ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވެފައިވާކަން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ،" އިރާޝް ވިދާޅުވި އެވެ. "އެކަމަކު ޑިމާންޑް އޮތް ވަރާ ދޭތެރޭ ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސްކަންނޭނގޭ." ހިލޭ ބޭސް ފަރުވާގެ ހިދުމަތް ލިބެން ފެށުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވެސް ވަނީ ބާރު ބޮޑުވެފަ އެވެ. އެކަމަކު އެ ހޮސްޕިޓަލްގައި ހުންނަ ބޭސް ފިހާރަ އިން ގިނަ ފަހަރަށް ބޭސް ލިބެން ނުހުންނަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ