އައްޑޫގައި އަވިން ކަރަންޓް އުފައްދަން އިޓަލީގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

އިރުގެ ހަކަަތަ އިން ކަރަންޓް އުފައްދަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން އައްޑޫގައި ކަރަންޓް އުފައްދަން އިޓަލީގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިޓަލީގެ އެސްކޮޓް އިންޑަސްޓްރިއަލް އެސްއާރްއެލް ކުންފުނީގެ ޓީމެއް އިއްޔެ ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ. މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެ ކުންފުނިން ކައުންސިލާ ބައްދަލު ކުރިީ އެ މީހުންގެ ޕްރޮޕޯސަލަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ކަމަށެވެ. "އެގޮތުން މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ހަކަތަ އުފައްދާނެ ދިމަދިމަލާ ބެހޭ ގޮތުން. އަޅުގަނޑުމެން ފާހަގަ ކުރިން އައްޑޫގައި ހުރި ޕަބްލިކް އިމާރާތްތަކުގައި އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވިދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. އިޓަލީގެ އެސްކޮޓް އިންޑަސްޓްރިއަލްގެ ޓީމް އިއްޔެ ކައުންސިލާ ބައްދަލު ކުރަނީ. ފޮޓޯ/ ކައުންސިލް އެސްކޮޓަކީ 1973 އުފެދުނު ކުންފުންޏެވެ. އެ ކުންފުނި މިހާރު ދުނިޔޭގެ 48 ގައުމެއްގައި މަޝްރޫއުތައް ހިންގަ އެވެ. އޭގެ ތެރޭގައި ޔޫރަޕާއި މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތައް ހިމެނެ އެވެ. މޭޔަރު ވިދާޅުވީ އޭޑީބީން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން، އައްޑޫގައި ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ދަށުން ބޮޑު ނިސްބަތަކުން ކަރަންޓް އުފެެއްދޭނެ ކަމަށެވެ. "މީގެ ސަބަބުން ތެލަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ. އޭޑީބީން ކުރިއަށް ގެންދާ މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު އެތަނުގެ އެގްޒެކެޓިވް ޑިރެކްޓަރު ސާމީ ސައީދު ވަނީ މި މަހުގެ 10 ގައި އައްޑު އަށް ކުރެއްވި ދަތުރުގައި ކައުންސިލާ ހިއްސާކޮށްފަ އެވެ. އޭޑީބީން އައްޑޫގެ އިތުރުން ރާއްޖޭގެ އިތުރު ހަތަރު ރަށެއްގައި މި މަޝްރޫއު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ގޮއިދު އާއި ޅ. ކުރެންދު އާއި ތ. ބުރުނީ އާއި އަދި ގއ. ވިލިނގިއްޔެވެ. އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޕްރީބިޑް މީޓިން މި މަހުގެ 2 ވަނަ ދުވަހު މާލޭގައި ބޭއްވި އިރު، 14 ގައުމަކުން 33 ކުންފުނި ބައިވެރި އެވެ. ޕްރޮޕޯސަލް ހުށަހަޅަން ދީފައިވާ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 18 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ