ކަރަންޓް ބިލް ބޮޑުވެގެން އައްޑޫގައި ވެސް މުޒާހަރާކޮށްފި
މާޗް މަހުގެ ކަރަންޓް ބިލް ބޮޑުވި މައްސަލާގައި އައްޑޫގެ ބައެއް ވިޔަފާވެރިން މިއަދު މަރަދޫފޭދޫގައި ހުންނަ ފެނަކަ އޮފީސް ކައިރީގައި މުޒާހަރާކޮށްފި އެވެ. އެ މީހުން ބުނީ ކުއްލި ގޮތަކަށް ބިލަށް އެހާ ބޮޑު ބަދަލެއް އައުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބިލް ނުދައްކާނެ ކަމަށާއި ކުރިން ކަރަންޓަށް ބިލް ކުރަމުން ދިޔަ ގޮތަށް އެކަން ކުރުމަށް މިއަދު މުޒާހަރާ ކުރި މީހުން ގޮވާލައިފައިވެ އެވެ. ބައެއް ވިޔަފާރިން ބުނި ގޮތުގައި ކުރިން އާންމުކޮށް 30،000ރ. ކަރަންޓް ބިލަށް އެރި ތަންތަނަށް މާޗް މަހު 50،000ރ. ވެސް އަރާފައިވެ އެވެ. "އަޅުގަނޑުމެން މިއުޅެނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން. އެފަދަ ހާލެއްްގަައި ތިއްބައި ކުއްލިއަކަށް ކަރަންޓް ބިލް މިހާ މައްޗަށް އަރައިގެން ދިއުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" ވިޔަފާވެެރިއަކު ބުންޏެވެ. "މި ސަރުކާރު އުޅެނީ ރައްޔިތުން ފެލައިގެން ލާރި ހޯދަން. ޓެކްހަކާ އަނެކައްޗަކާ ރައްޔިތުންގެ އަތުން ނަގައިގެން ވެސް ރައްޔިތުންނަށް ލިބޭ އެއްވެސް ކުރިއެރުމެއް ފައިދާއެއް ނެތް." ކަރަންޓް ބިލް ބޮޑުވެގެން އައްޑޫގައި މިއަދު މުޒާހަރާ ކުރަނީ. ފޮޓޯ/ ކިއުންތެރިއެއް ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހޭރު (އަބްހަރީ) މިއަދު ވިދާޅުވީ ވިޔަފާރި ކުރާ ތަންތަނުގެ ބިލް މާޗް މަހު ބޮޑުވެގެން ދިޔައީ ކުރިން ދެމުން ގެންދިޔަ ސަބްސިޑީ މާޗް މަހުން ފެށިގެން އެންސްޕާ އިން ކަނޑާލުމުން ކަމަށެވެ. "އެއީ އަޅުގަނޑުމެން ކުންފުނިން ކުރި ކަމެއް ނޫން. ދައުލަތުގެ ސަބްސިޑީ އާ ހަވާލުވެފައި އޮތް މުއައްސަސާ އިން ވިޔަފާރިތަކަށް ދެމުން ގެންދިޔަ ސަބްސިޑީ މާޗް މަހު ކަނޑާލީމަ ހަގީގަތުގައި ބިލް ބޮޑުވެގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ. "އެގޮތަށް އަަމަލު ކުރާކަން އެންސްޕާ އިން ދިޔައީ މީޑިއާތައް މެދުވެރިކޮށް އިއުލާން ވެސް ކުރަމުން. އަޅުގަނޑުމެންނަށް ގަބޫލް ކުރެވެނީ އެ މައުލޫމާތު އެންމެ ރަނގަަޅަށް އެ ފަރާތްތަކަށް [ވިޔަފާވެރިންނަށް] ފޯރާފައި ނެތީމަހެން މީގައި މައްސަލަ ދިމާވެގެން މި އުޅެނީ." ޒުހޭރު އަދި ވިދާޅުވީ މާޗް މަހުގެ ބިލް ބޮޑުވެގެން ބައެއް ފަރާތްތަކުން ބިލާ ހަވާލު ވެސް ނުވާ ކަމަށެވެ. އަދި ބިލް ބޮޑުވެގެން ޝަކުވާތައް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. "ޝަކުވާތައް ވަރަށް ބޮޑަށް އައިސްފައި އެބަހުރި. އެކަމަކު އަޅުގަނޑުމެންނަށް މީގައި ކުރެވޭނެ ކަމެއް ނޯންނާނެ ނޫންތޯ؟ އެންސްޕާ އިން ސަބްސިޑީ ކަނޑާލީމަ އަޅުގަނޑުމެން ބިލް ހަދާނީ އެބައި ނުހިމަނާ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ