އެހެން ޤަޢުމުތަކުން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލާންޖެހޭ ޝަރުޢީ މަސްލަޙަތެއް ނެތް: ޝެއިޚް އަބްދުﷲ

ކޮވިޑް-19 ޖެހިގެން އެހެން ޤަޢުމުތަކުން މަރުވާ މީހުން ރާއްޖެގެނެސް ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރިޢީ މަސްލަހަތެއް އޮތްތަނެއް ފެންނަން ނެތް ކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އަދި ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން އިބްރާޙިމް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ ހަށިގަނޑުތައް އެޤައުމުގައި އަންދަމުންދާތީ އެޤައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.މިކަމާއި ގުޅިގެން އެޤައުމުގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ.
އެކަމާއި ގުޅިގެން ސަލަފްގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވީ، ލަންކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަސްލަހަތެއް އޮތްކަން ފެންނާން ނެތް ކަމަށެވެ. އެކަމުގެ ގިނަ ސަބަބުތަކެއްވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ދީނުގައި ވަނީ މައްޔިތާ ވަޅުލުން އަވަސް ކުރުމަށް ކަމަށާ މިކަން މިގޮތަށް ކޮށްފިނަމަ އެކަމާއި ފުށުއަރާނެ ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި ޝަރުއީ އުޒުރެއް ނެތި މަރުވާ ރަށުން އެހެން ތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވުމާއި ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތް ގައުމަށް ރާއްޖެވާކަން ފާހަގަ ކުރެއްވިއެވެ.
އަދި މިކަމަށް އެދިފައިވާ ކަމަށް ވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށްވީ ހިނދު ލަންކާގެ އިލްމުވެރިންގެ ބަހެއް އޮތްތޯ އާއި އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައިވާކަން ފެންނަން ނެތް ކަަމަށް އަބްދުﷲ ވިދާޅުވިއެވެ.
އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ބިންދަތި ތާކަށް މައްޔިތާ ގެނައުމުގެ ބަދަލުގައި ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ހަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަފަދަ ގޮތަށް ހަމަޖެއްސުމުގެ ގާބިލުކަން ސަރުކާރަށް އެބައޮތް ކަމަށް ޝައިހް އަބްދުﷲ ވިދާޅުވިއެވެ.
ފޮޓޯ:އަވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ