އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ މައްސަލަތައް ހައްލު ކޮށްދޭނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވައިފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގެ ދަރިވަރުންނާ ބައްދަލު ކުރައްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު އޮޅުންފިލުވައި، މައްސަލަތަށް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ދަރިވަރުންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލު ކުރެއްވުމުގައި އެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. އެގޮތުން ސްކޫލުގެ ފީ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި ފްލައިން ސްކޫލުން އެ ކުދިންނާމެދު އަމަލު ކުރަމުން އަންނަ ގޮތުގެ މައުލޫމާތު ވެސް ހިއްސާކުރި އެވެ.
ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ނައިބު ރައީސް ވަނީ އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ދަރިވަރުންނަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބައްލަވައި ދެއްވުމަށް ފިނޭންސް މިނިސްޓަރު އަހުމަދު އަމީރުގެ އަރިހުން އެދިވަޑައިގެންފައެވެ.
އެގޮތުން ދަރިވަރުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި ނައިބް ރައީސް މީގެ ކުރިން ވަނީ ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރައްވައި، (އޭއޭއޭ)އާއެކު މަޝްވަރާކޮށް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ.
އައްޑޫ ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، މިހާތަނަށް 15 ދަރިވަރަކު ވަކިކުރުމަށް އެ ސްކޫލުން ވަނީ އީމެއިލް ފޮނުވައިފަ އެވެ. އޭގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައިވަނިކޮށް، ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް ވަނީ އަންގަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ