ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ މުހިއްމުކަމަކީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލިކުރުން: ރައީސް ޔާމީން

ގައުމަށްޓަކައި މިއަދުވެސް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަން ސަރުކާރު ވޯޓުން ބަލިކުރުންކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވިކަން ހާމަކުރެއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
އިދިކޮޅުން މިއަދު ކަނޑުމަތީގައި ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު މެންދުރު މާފުށި ޖަލުގައި ރައީސް ޔާމީންއާ ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ރައްޔިތުންގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް ހުންނެވިކަން ޔާމީން ހާމަކުރެއްވި ކަމަށެވެ.
އަދި ކޮންމެފަދަ ހާލަތެއްގައި ވެސް ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބަލިކުރުމަށްޓަކައި ސާބިތު ކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރުމަށް ވެސް ޔާމީން ގޮވާލެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެމަނިކުފާނަށްޓަކާ ވެސް އަދި މި ގައުމަށްޓަކައި ވެސް މިއަދު ކޮށްދެވޭނެ އެންމެ މުހިއްމު މަސައްކަތަކީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި ކޯލިޝަން ސަރުކާރު ބަލިކުރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ