ކޮވިޑު ޖެހުނު މީހުން ހޯދާ ދިރާސާ ފަށައިފި

މާލެ ސަރަހައްދުން ކޮވިޑު ޖެހުނު މީހުންގެ އަދަދު ހޯދަން "އެންޓި ބޮޑީ ޓެސްޓު" ހެދުމުގެ ދިރާސާ ފަށައިފި އެވެ.
ގައުމީ ޔުނިވާސިޓީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއިން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑު-19 އިގެ ވައިރަސްއަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި ކޮވިޑު-19 ފެތުރިފައިވާ މިންވަރު ބަލާނެ އެވެ. އެންޓިބޮޑީ ޓެސްޓުން މީގެ ކުރިން ކޮވިޑު ޖެހިފައިވާނަމަ ވެސް އެނގޭނެ އެވެ.
އެޗްޕީއޭ އިން ބުނީ 4098 މީހުން ޓެސްޓު ކުރާ މި ދިރާސާ އަށް މީހުން ހޮވާފައި ވަނީ ގުރުއަތުން ކަމަށެވެ. ދިރާސާ ހެދުން ހަތަރު އުމުރު ފުރާއަަކަށް ބަހާލާފައިވެ އެވެ.
ޅަފަތު އުމުރާއި 17 އަަހަރާ ދެމެދުގެ 936 މީހުން 18 އަހަރާއި 34 އަަހަރާ ދެމެދު 1730 މީހުން 35 އަހަރާއި 59 އަހަރާ ދެމެދު 1232 މީހުން 60 އަހަރުން މަތީގެ 200 މީހުން
އެޗްޕީއޭ އިން ބުނީ މި ދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ ތިން މިލިލީޓަރުގެ ލޭ ނަގައިގެން ކަމަށާއި ޓެސްޓު ކުރުމަށް މާލޭ ސަރަހައްދުގެ ބައެއްތަންތަނުގައި ސްޓޭޝަންތަކެއް ބަހައްޓާނެ ކަމަށެވެ. މި ސްޓޭޝަން ތައް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހަވީރު 4:00 ރޭގަނޑު 7:00 ހުންނާނެ އެވެ.
މާލޭގައި ގައުމީ ޔުނިވާސިޓީ، ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލް އަަދި ވިލިމާލޭގައި ވިލިމާލެ ހޮސްޕިޓަލް ގައި ޓެސްޓު ހަދާނެ އެވެ.
މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެ މީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށައެޅިފައިވޭތޯ އާއި އެ ވައިރަސް އަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެ އެވެ. އަދި އެ މީހެއްގެ ނަތީޖާ އެ މީހަކާ މެސެޖުން ހިއްސާ ކުރާނެ އެވެ. ދިރާސާގެ ނަތީޖާއިން ކޮވިޑުން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަަޅަން ބޭނުން ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ