މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7:00ން ފެށިގެން ހެނދުނު 11:00އާ ހަމައަށެވެ. ސެޓްލައިޓް ފޮޓޯތައް ދައްކާ ގޮތުން ރާއްޖޭގެ މަތީގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ ވަނީ އުފެދިފައެވެ.
މިރޭގެ 8:00އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާގޮތަށް ބަލާ އިރު، އެންމެ ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ. އެހެން ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރަނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައެވެ.
މޫސުން ގޯސްވެ އެލަރޓް ނެރިފައިވާތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ