ސިޔާސީ ޖޯކް: “ރިޔާސީ ނިޒާމެއްގައި ކޯލިޝަނެއް ނުހެދޭނެ”
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ވެރިކަމަށް ނިކުތުމަކީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން ކަމަށާއި އެއީ ބަރުލަމާނީ ނިޒާމެއްގައި ފެންނާނެ ސިފަތަކެއް ކަމުގެ އަޑު ސިޔާސީ ވާދަވެރިންގެ ދުލުން މިދުވަސްކޮޅު ފަތު އަޑު ކިޔާލާފައި އިވެމުން އެބަދެއެވެ. އަދި އެފަދަ ކޯލިޝަން ތަކުގެ ސަބަބުން ރައްޔިތުންނަށާއި ވެރިކަމުގެ ނިޒާމަށް ފައިދާ ނުކުރާނެ ކަމަށްވެސް ބައެއް ބޭ ބޭފުޅުން ވިދާޅުވަމުން އެބަދެއެވެ. މި ވާހަކަތަކަށް ވިސްނާލާއިރު އެއީ ހަމަ ހަގީގަތުގައިވެސް ކަން އޮތް ގޮތް ތޯއާ މެދު ވިސްނާލަން ޖެހެއެވެ.ކޯލިޝަން ސަރުކާރަކާ އެންމެ “ނުކިއްސަރު” ކޮށް ފާޅުގައި ބަސް ބުނެ ހަދަނީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ދެޕާޓީ ކަމަށް ވާ އެމްޑީޕީ އާއި ޕީޕީއެމުންނެވެ. މި ދެ ޕާޓީ އަކީވެސް ކޯލިޝަންގެ ފޮނި މީރުކަމާއި އޭގެ ހިތިރަހަ އަރުތެރޭގައި ލަމުން ދާ ދެ ޕާޓީކަން މިފުރުޞަތުގައި ފާހަގަ ހަމަ ކޮންމެހެން ކޮށްލަން ޖެހެއެވެ. އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަމަށް އާދެވުނީ “ފުޅާ ކޯލިޝަނެއް” ގެ ތެރެއިންނެވެ. ހަމަ އެހެން ރައީސް މައުމޫނުގެ ވެރިކަން ނިމި އޭރުގެ ޑީއާރުޕީއަށް ދިވެހި ރާއްޖޭގެ ސިންގާސަނާ ގެއްލިގެން ދިޔައީ “ފުޅާ ކޯލިޝަނެއް”ގެ ސަބަބުންނެވެ. މިއީ ބަދަލު ކުރެވެން ނެތް ހަގީގަތެކެވެ.މިއަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން ދާއިރު ހުރިހައި ޕާޓީތަކެއްހެން ކޯލިޝަނަކަށް އެޕާޓީތަކުގެ ދޮރު ހުޅުވާލި ކަމީވެސް އަޅުގަނޑުމެން އެންމެނަށް ފެންނަން އޮތް ހަގީގަތެކެވެ. އެކި މަގާމް ތަކުގައި އެކި ސިފަ ސިފައިގައެވެ. އެހެނަސް މިހާތަނަށް ޕާޓީތަކުން އިއްތިހާދުވެގެން ތިބި ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދާލަތާއި، ގައުމީ ޕާޓީއާއި، ޑީއާރުޕީ އެ ކޯލިޝަނަށް ވަދެފައިވާއިރު އެމްޑީއޭ އާއި ޖުމްހޫރީޕާޓީވެސް މިކޯލިޝަނާ ގުޅިދާނެ ކަމުގެ އަޑުތައް ވަނީ ވައިގައި ހިފައިފައެވެ. ތަފާތު އެކި މަގާމް ތަކުގައި އެމްޑީޕީއިންވެސް އަދި ޕީޕީއެމުންވެސް ކޯލިޝަނަށް ދަޢުވަތު ދިނެވެ. ނަމަވެސް އެ ދެޕާޓީއާ އަދި މިހައި ތަނަށް އެއްވެސް ޕާޓީ އަކުން ގުޅިފައި ނުވުމާއި އިންތިޚާބު ބޯމަތިވަމުން އަންނާތީ ކޯލިޝަންގެ ވިސްނުން މިހާރު އެ ދެޕާޓީއިންވެސް ދޫކޮށްލި ކަމުގައި ބެލެވެއެވެ.ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި އަދި ޚުދު އެޕާޓީގެ ރައީސް މައުމޫން ވެސް ވަނީ ކޯލިޝަން ހެދުމަށް އެ ޕާޓީއާއި ގުޅުމަށް ގޮވާލައްވާފައެވެ. ހަމަ އެހެން އެމްޑީޕިގެ ޗެއާރ ޕާރސަން ރީކޯ މޫސާމަނިކުވެސް އެމްޑީޕީއާ ކޯލިޝަން ހަދަން އަންނަ ބައެއްގެ ހުރެގެން ނުވާނެ ސިފަތަކެއްގެ ވާހަކަ ދައްކަވާ އެޕާޓީގައިވެސް ކޯލިޝަންގެ ފުރުޞަތު އޮތްކަން ހާމަކުރައްވާފައިވެއެވެ. ނަމަވެސް މަންޒަރު ބަދަލުވެ ކޯލިޝަނަކަށް ރިޔާސީ ނިޒާމެއްގައި ނުދެވޭނެކަމުގެ ވާހަކަތަށް އަޑު އިވެން މިފެށީ މި ދެ ޕާޓީ އާވެސް އެހެން ބަޔަކު ނުގުޅޭނެހެން ހީވުމުން ކަމަށް ވަރަށް ބޮޑަށް ބެލެވޭނެ ޖާގަ އެބައޮތެވެ. ރައީސް ނަޝީދަށް ބަލާއިރު އެމަނިކުފާނު މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވީ އެތައް ބައިވަރު ޕާޓީއަކާއި އެކު ހެއްދެވި އިއްތިހާދަކުންނެވެ. ނަމަވެސް ނަޝީދުވެސް މިހާރު ވިދާޅުވަނީ އެއީ ބަރުލަމާނީ ސިފައެއް ކަމުގައެވެ. އަދި ރައީސް މައުމޫނުވެސް ވަނީ އެވާހަކަ ތަކުރާރު ކުރައްވައި ކޯލިޝަނަކަށް ޕީޕީއެމުން ނުދާނެ ކަހަލަ ސިގްނަލެއް ދެއްވާފައެވެ.ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ޑރ.ޖަމީލްވެސް ވަނީ ދާދި ފަހުން އެ ޕާޓީއިން ބޭއްވި ޖަލްސާއެއްގައި ކޯލިޝަނެއް ރިޔާސީ ނިޒާމުގައި މަސައްކަތް ނުކުރާނެކަން ބަޔާންކޮށްދެއްވައިފައެވެ. ނަމަވެސް ޖަމީލު ކުރިން ވިދާޅުވެފައި ވަނީ ޕީޕީއެމާ ނުލައި ހެދޭ ކޯލިޝަނަކަށް ރައީސް ނަޝީދު ބަލި ނުކުރެވޭނެކަމަށާއި، އަދި އެޕާޓީއަށް ކޯލިޝަނަކަށް އާދެވޭނެ ހުރިހާ މަގެއް ފަހިކުރަން ޖެހޭ ކަމަށެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެއްވެސް ޝަރުތަކާ ނުލައި ކޯލިޝަން ހެދި ފުރަތަމަ ޕާޓީ އަކީ ޑރ.ޖަމީލް ނިސްބަތް ވެވަޑައި ގަންނަވާ ގައުމީ ޕާޓީއެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވިދާޅުވަނީ އެއީ ހިތި ތަޖްރިބާއެއް ކަމަށެވެ. ކޯލިޝަނަކަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުޞަތު ބޮޑުކަމަށް ސިޔާސީ ބައެއްފަރާތްތަކުން ދެކެއެވެ. އަދި ރައީސް ވަހީދުގެ ކޯލިޝަނަށް ޖުމްހޫރީ ޕާޓީއިން ވަދެއްޖެނަމަ ވެރިކަމަށް ވަޑައިގަތުމަށް ރައީސް ވަހީދަށް ޔާމީނަށް ވުރެ ފުރުސަތު ބޮޑުކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އެމްޑީޕީ އަކީ މިފަހަރުގެ އިންތިޚާބުގައި އެންމެގިނަ ވޯޓް އެއްބަޔަކަށް ފުރަތަމަ ބުރުގައި ކިރޭނެ ޕާޓީކަމަށްވެސް ބެލެވެއެވެ. ނަމަވެސް 50 އިންސަތަ ލިބުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން 2008ގެ އިންތިޚާބުގައި ވީހެން ދެވަނަ ބުރުގައި ބޮޑު ކޯލިޝަނަކުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.ރިޔާސީ ނިޒާމެއްގައި ކޯލިޝަން ނެހެދޭކަމުގައިވާނަމަ 2008ވަނަ އަހަރު ރައީސް ނަޝީދުވެސް ރައީސް މައުމޫންވެސް (ފީއޭ، ޑީއާރުޕީ، އެސް.އެލް.ޕީ) ކޯލިޝަން ހެއްދެވީ ކީއްވެ ބާވައެވެ؟ މިއަހަރުގެ އިންތިޚާބަށް އެހެން ޕާޓީތަކަށް ކޯލިޝަނަކަށް ދަޢުވަތު ދެއްވީ ކީއްވެބާވައެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ވެރިކަން މިހާރުވެސް އަދި 2008ގައި ރައީސް ނަޝީދުވެސް ކުރެއްވީ ކޯލިޝަން ސަރުކާރަކުންނެވެ. އަދި ދާދި ފަހުން މެލޭޝިއާގައި ނެގި އެ ގައުމުގެ އިންތިޚާބު ކާމިޔާބު ކުރީވެސް ކޯލިޝަން ސަރުކާރަކުންނެވެ. އަޅުގަނޑުމެނަށް ކަށަވަރުވާ އެއްކަމެއް އެބަ އޮތެވެ. އެއީ އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެއްކަމެވެ. ނަމަވެސް މޭބިސްކަދުރު ކިތަންމެ ބޭނުންވެފައި ހުއްޓަސް މޭބިސްކަދުރު ނުލިބުމުން ހިޔަޅުވެސް ބުނީ “އައްޗި ހުތް މޭބިސްކަދުރޭ” ވިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ