ހަތްކަ

ނޫސްވެރިންނަށް ޗުއްޓީއަކީ ޗުއްޓީއެއް ނޫނެވެ. އެ މީހުންނަށް މަސައްކަތުގެ ދުވަސްތަކަށް ވުރެ ޗުއްޓީ މާ ބަރެވެ. ނިންމަންޖެހޭ ދުވަހީ ކަންކަމުގެ ލިސްޓު މާ ދިގެވެ. އަރާމު ނިންޖަކަށް ހަށިގަނޑު ދަމާލުން އަދި މާ ތަދެވެ. ނަބީލަށް ވެސް ވީ އެ ވަރެވެ. ދެ ދުވަހުގެ ޗުއްޓީއެއް ނެގީ އަރާމުކޮށްލުމަށެވެ. ނަމަވެސް ދެވުނު ރަށުން އެ އަރާމް ހަރާންވެ، އެހެން ކަމަކަށް ވިސްނުން ގެނބުނީއެވެ. ރަށުގެ އާސާރީ ކުލަތަކުގެ އަވައިގައި ޖެހި ހުރިހާކަމެއް ހަނދާން ނެތުނީއެވެ.
ހަނދާން ނުނެތޭ ވަރެއް ވެސް ނޫނެވެ. މިހާރު އެއީ ކުރީގެ ލަންދުއެއް ނޫނެވެ. މުޅި ރަށް އެ ވަނީ އާސާރީ ބަދަލަކަށް މަރުހަބާ ކިޔާފައެވެ. ހުރިހާ ރައްޔިތުންގެ ހިތްތަކުން އެ ބަދަލަށް އެ ވަނީ އާއެކޭ ބުނެފައެވެ. އެހެން ނޫންނަމަ އެ ރަށު އިރު ދެކުނުގައި އޮންނަ ހަތްކަ ސަރަހައްދު މިހާރު ފެންނަން އެ އޮތްގޮތަކަށް ނޯތީހެވެ. މުޅި އެ ސަރަހައްދު ހިމާޔަތްކޮށް އާސާރީ ސަރަހައްދެއްގެ ގޮތުގައި ތަރައްގީއެއް ނުކުރެވުނީހެވެ. އަޅަމުން ދިޔަ ލަސް ފިޔަވަޅުތަކާއެކު ނަބީލުގެ ލޮލުން މަންޒަރުތައް ދިޔައީ ކުރަހަމުންނެވެ. ހިތުގެ ގަލަމުން ރިޕޯޓްތައް ދިޔައީ ލިޔަމުންނެވެ.
ވަށައިގެން ޗެންޗޭނުޖަހާފައިވާ ސަރަހައްދުގެ ބޭރުން ހިގަމުން ގޮސް މައިގޭޓުން އެތެރެވުމާއެކު އެންމެ ފުރަތަމަ ވެސް ނަބީލުގެ ލޮލުގައި އަޅައިގަތީ ވަށާ ބޯޑަރު އަޅައި ފަރުމާކޮށް ހަރުކޮށްފައިވާ ބޮޑު ބޯޑެވެ. ބޯޑުގައި ވަނީ އާސާރީ ސަރަހައްދުގެ ޗާޓެވެ. އެތަނުގައި ހުރި އާސާރީ ތަކެއްޗާއި ބިނާތަނެވެ. އެއިން ކޮންމެ ތަނަކާއި އެއްޗެއްގެ ތަސްވީރާއި މިންތަކާއި ތާރީޚެވެ.
އާސާރީ ސަރަހައްދުން އެތެރެއަށް ޖެހިލުމާއެކު ނަބީލުގެ ނަޒަރު ހުއްޓުވީ ރަށުގައި ހުރި އާސާރި ވެވަށެވެ. އެއްވެސް އުނިކަމެއް ނުލިބޭނެހެން އެ ސަރަހައްދުގައި ބެހެއްޓިފައި އެ ވަނީ އެ ވެޔޮ ހުރި އަސްލު ސަރަހައްދު ވެސް ތަސްވީރު ވާނެހެންނެވެ. ފޮޓޯތަކާއި މަސައްކަތުގައި ބައިވެރިވި މީހުންގެ ނަންތަކަށް ދަންދެން އެވަނީ ލިޔެފައެވެ. އެވެސް ރަށުގެ ތާރީޚެވެ.
ސަރަހައްދުގައި ބަހައްޓާފައިވާ ހަތަރެސްކަން ހިރިގަލު ވަޅާއި ރަށުގައި ހުރި އާސާރީ މިސްކިތާއި ރަށުގެ ތާރީޚާއި ދުވަސްވީ ލިޔުންތައް ރައްކާކުރެވިފައިވާ މާލަމަށް ވަދެވުމާއެކު ނަބީލަށް ހީވީ އެވޭލާ ޒަމާނަށް ދެވުނުހެންނެވެ. ކާބަފައި ޒަމާނު ފަތްފުށްތަކާއި ރަށުގެ އެކި ގޭގޭގެ ދުވަސްވީ ނަންބޯޑުތަކާއި ރަށުގެ އެކި ދަރިކޮޅުތަކުގެ ޗާޓާއި މިހެން ގޮސް އެތައް އެއްޗެއް ނަބީލުގެ ސަމާލުކަން ހޯދިއެވެ. އެއިން ކޮންމެ އެއްޗެއްގެ ކައިރީ އެތައް ވަގުތެއް އޭނާ ހޭދަކުރިއެވެ. އެތައް މަޢުލޫމާތެއް ލިބިގަންނަމުން ދިޔައެވެ.
ނަބީލަށް މާބަދިގެ ހައިތައާ ހަމައަށް ދެވުނީ އެތައް އިރެއް ފަހުންނެވެ. އޭނާގެ ނަޒަރު ދިމާ ކުރިމަތީ އޮތް އަޑި ސަރަހައްދަށް ދޫކޮށްލުމަށް ވުރެ އަވަހަށް އެ އިސްނަގައި ބޯ ހިއްލައިލައި ކަރުމައްޗަށް ޖެހިއެވެ. ބިޔަ ނިކަ ގަހަކާއެކު ހުރި ބޮޑު އުސް ފަސްގަނޑުގެ ބޮޑުކަން އޭނާގެ ހިތަށް ވަނެވެ. އެ ފަސްގަނޑުގެ ބޮޑުކަމާއި އުސްކަން ބޮޑަށް އަޅައިގަތީ ވަށައިގެން ކޮނެފައިވާ ސަރަހައްދުންނެވެ. އެ އުސް ފަސްގަނޑުގެ ވަށައިގެން ބޭރުން ދިހަ ވަރަކަށް ފޫޓު އަޑިއަށް ކޮނެފައިވެއެވެ. އެ ތަނަށް ފޭބުމަށް ހަތަރު ފަރާތުން ސިޑިބަރިއެއް ލާފައިވެއެވެ. އެ ސަރަހައްދު ވަނީ ފެން ހިނދޭނެހެން ސިމެންތި ފަށަލައެއް ވެސް އަޅާފައެވެ. ނަބީލު އެންމެ އަޖައިބުވީ އެ އުސް ފަސްގަނޑުން ތިން ފޫޓުގެ ފުޅާ ފޮއްޗެއް އޭގެ އެތެރޭގައި ހުރި ހުދު ހިރި ގާތަކާއި އެންމެ ތިރީގައި ހުރި ފޮފަނަގާފައިވާ ސިޑިބަރި ފެންނާނެހެން ކޮނެ ސާފުކޮށްފައި ހުރުމުންނެވެ. ނިކަގަހުގެ މުލުން ހިމާޔަތާއި ރައްކާތެރިކަން ދީފައިވާ އެ ބިނާގެ އާސާރީ ކުލަވަރު ދައްކައިދިނުމަށް އެތަނުގައި ބާއްވާފައި އޮތް ބޮޑު ހިރިގާ ފެނުމުން ވެސް ނަބީލު ޝޯޚުވިއެވެ. ދާރުލް އާސާރުގައި އޮތް ގާ ގެނެސް އަލުން އެ ތަނުގައި ބާއްވާފައި އެ އޮތީ ކީއްވެތޯ ނަބީލުގެ ހިތުން ސުވާލު އުފެއްދިއެވެ. އެ ސުވާލު ނަބީލު ކުރީ އެކުވެރި އަންމަޑޭ އަށެވެ.
"އެއީ މޮޑެލްއެއް. ސީދާ ދާރުލް އާސާރުގައި އޮތް ހިރިގައި ނަމޫނާއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ގަލެއް. އެ ގަލުން ބައެއް ބައިތައް ވަކިވެފައި އެވަނީ ދާރުލްއާސާރުގައި އޮތް ގަލުގައި ވެސް އެބައިތައް ވަކިވެފައި ހުރުމުން" ލިބިފައިވާ މަޢުލޫމާތުތައް ހާމަކުރަމުން އަންމަޑޭ ޖަވާބު ދިނެވެ.
"ކީކޭތަ އެ ގަލުގައި ލިޔެފައި އެ ހުރީ. އެއެއް ނުހޯދަންތަ؟" އަނެއްކާ ވެސް ނަބީލު ސުވާލު ކުރިއެވެ.
"އެ ގަލުގައި ލިޔެފައިވަނީ ކީކޭތޯ ބެލުމަށް ވަރަށް މަސައްކަތް ކުރިން. މި ރަށު ޖަމިއްޔާއިން އިސްނަގައިގެން ވެސް އެކަން ކުރި. ނަމަވެސް އަދި އެކަން ޔަގީންވާގޮތެއް ނުވޭ. ޔަގީނާ ގާތަށް ބުނަން ކެރެނީ އެ ގަލުގައި ވަނީ ދެކުނު ބްރަހްމީ ނަމަކަށް ކިޔައި އިންޑިއާގެ ވަރަށް ކުރީގެ ދުވަސްވަރަކު ބޭނުން ކުރި ވައްތަރެއްގެ އަކުރެއްކަން. އަސްލު ލިޔުމުގައި ބުނާ އެއްޗެއް ނޭނގެނީ އެ ލިޔެފައިވާ އަކުރަށް ބައެއް ބަދަލުތައް އައުމާއި ފަންޑިތަ ފާޑުގެ އެއްޗަކަށް އެ ލިޔުން ވާތީކަމަށް ގަބޫލުކުރެވެނީ" އަންމަޑޭ ޖަވާބު ދެމުން ދިޔައީ ލިބިފައިވާ މަޢުލޫމާތާއި ދިރާސާ ކުރި މީހުންގެ އެކި ހޯދުންތަކުގެ އަލީގައެވެ.
"ހާދަ މަޢުލޫމާތެއް ވެސް ލިބިފައި އެބަ ހުއްޓޭ ދޯ؟" އަންމަޑޭގެ ޖަވާބުތަކަށް ނަބީލު ދިމާކޮށްލިއެވެ.
"މިކަހަލަ ކަމެއް ފަށާއިރު މި ހުރިހާ މަޢުލޫމާތެއް އެނގެން ޖެހެއެއްނު. މިރަށުގެ ވަރަށް ގިނަ މީހުންނަށް މި މަޢުލޫމާތުތައް އެނގޭނެ. މި ރަށު ސްކޫލުގައި ވެސް މި މަޢުލޫމާތުތައް މިހާރު ކިޔަވައިދޭ. ރަށުގެ ތާރިޚު ނޭނގި ގައުމުގެ ތާރީޚު އެނގޭނެ ގޮތެއް މަށަކަށް ނޭނގެ" އަންމަޑޭގެ ޖަވާބުގައި ވަނީ ފަޚުރުވެރިކަމެވެ.
"މިއީ ކޮން ފޮޓޯގަނޑެއް" މާ ރީއްޗަށް ލޯގަނޑަކަށް ލައި، އެތަނުގައި ބަހައްޓާފައިވާ ފޮޓޯގަނޑެއް ފެނުމުން ނަބީލު ސުވާލުކުރިއެވެ.
"ތިއީ ބޮޑު ވާހަކައެއް. ތިއީ މި މަސައްކަތުގައި އިސްކޮށް އުޅުނު އެކަކު. އޭނާ ނިޔާވީ ހަމަ ކުއްލިގޮތަކަށް. ފާޑެއްގެ ގޮތްތަކެއް ވެފައި މަރުވީ. ބައެއް މީހުން ބުނަނީ އެ ގޮތެއް އޭނާއަށްވީ މިތަން ކޮނުމުންނޭ. މިއީ ބަޔަކު ހަދާފައި ހުރި ސިހުރެކޭ ވެސް އެއްބަޔަކު ބުނޭ" އަންމަޑޭ އޮޅުން ފިލުވައިދެމުން ދިޔައީ ތުންތުން މަތިން ބައެއް މީހުން ދައްކަމުންދާ ވާހަކައެވެ.
"އެތަން ކޮނުނީ އޭނާ އެކަނިތަ؟ ކީއްވެ އެހެން މީހުންނަށް ތިބުނާ ގޮތްތަކެއް ނުވީ" ނަބީލު ސުވާލު އުފެއްދިއެވެ.
"ބައެއް މީހުންގެ ވާހަކަތައް ދެކޮޅު ނުޖެހެނީ އެހެންވެ. އެތަން ކޮނުމުގައި އަހަރެން ވެސް ބައިވެރިވިން. އެތައް ބަޔަކު ހަރަކާތްތެރިވި. އެހެން މީހަކަށް އެފަދަ ކަމެއް ދިމައެއް ނުވޭ. އެހެންވީމާ އެ ވާހަކަތަކަކީ ބަޔަކު ފަތުރައިގެން އުޅޭ އަޑެއް. ނަމަވެސް އޭނާއަށް ދިމާވި ހާދިސާއާ މި ތަނާ ގުޅުމެއް ވާކަމަށް މަށަށް ވެސް ގަބޫލުކުރެވޭ. އެ ވާހަކަތައް ދެން ދައްކާނީ ފަހުން. ސަޔަށް ގޮސް" އަންމަޑޭ ފެށި ވާހަކަ ކުރުކޮށްލަން އޭނާ ބޭނުންވިއެވެ. އެ ވާހަކަތަކުން ސަލާމަތް ނުވެދާނެތީވެ އެހެން ވާހަކައެއް އޭނާ ފެށީއެވެ.
އިރު އޮއްސި އަނދިރިވަނީއެވެ. ނަބީލުގެ ވިސްނުމުގައި ވަނީ ހަތްކައެވެ. ތަސްވީރުވަމުން ދިޔައީ އެ ތަނުގެ މަންޒަރުތަކެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ސަޔަށް ގޮސް އަންމަޑޭ ދެއްކި ވާހަކަތަކެވެ. ޚާއްޞަކޮށް އެ މަސައްކަތުގައި އުޅުނު މީހަކު މަރުވި ވާހަކައެވެ. ހަގީގަތެއް ނެތްނަމަ އެފަދަ ވާހަކައެއް ނުފެތުރޭނެއެވެ. އަޑެއް ކިޔާނަމަ ރެނދެއް ލާފައި ވާނެއެވެ. ނަބީލު ބޭނުންވީ އެ ރެނދު ހޯދާށެވެ. ނަމަވެސް ދުވަހެއް ނެތެވެ. ވަގުތެއް ނެތެވެ. މާދަމާ ހެނދުނު މަނަދުއަށް ފުރަން ޖެހެއެވެ. ހަދާނެގޮތެއް ނަބީލުގެ ސިކުނޑީގައި ރޭވިއެވެ. އެ ރޭވުމާމެދު ނަބީލު ވިސްނާލިއެވެ.
ނަބީލު މިސްރާބު ޖެހީ ހަތްކައާ ދިމާއަށެވެ. ކޮނޑުގައި ކެމަރާ ދަބަސް އަޅުވައިގެން މަޑު ހިނގުމުގައި އޭނާ ހިނގަމުން ދިޔައެވެ. ހަތްކައާ ހަމައަށް ދެވުނުއިރު ވަލުތެރޭގެ ހިމޭން މާހައުލުގައިވާ ރަތް ދޮން އަލިން މުޅި މާހައުލުގެ ކުލަވަރު އޮތީ ބަދަލުވެފައެވެ. އިވެމުންދިޔަ ކާޅުތަކުގެ ފަހު ސަލާން ދުނިޔެއާ ދިޔައީ ކުރަމުންނެވެ. ޖެހެމުން ދިޔަ ތެތް ފިނި ރޯޅިތައް ގަސްތަކާ ކުރަމުން ދިޔަ ސަމާސާ ވަނީ ހުއްޓިފައެވެ. ހީވަނީ މުޅިތަނުން ވައި ދަމާލާފައި އޮތް ހެންނެވެ. ފަތެއް ފަންވަތެއްހައި ހިސާބު ވެސް ހެލިނުލައެވެ. ހަތްކަ ސަރަހައްދާ ކައިރިވީ ވަރަކަށް ނަބީލުގެ ނޭފަތުގައި ޖެހެމުންދިޔަ ހުވަނދުމާ ވަހުގެ މީރު ލުވި ވަހުން އެ ރޫހު ދިޔައީ ތާޒާވަމުންނެވެ.
ނަބީލު ވާހަކަދެއްކީ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތާއެވެ. އެ ސެކިއުރިޓީ ގާޑަށް ނަބީލު ދެއްކީ އޭނާގެ ނޫސްވެރިކަމުގެ ފާހެވެ. އެއާއެކު އޭނާ އެތެރެއަށް ވަނުމަށް ޚާއްޞަ ހުއްދައެއް ކައުންސިލުން ދޫކޮށްފައިވާކަމަށް ވެސް ނަބީލު ބުންޏެވެ. އަދި އިރުކޮޅެއް ފަހުން އެކުވެރި އަންމަޑޭ އެތަނަށް އަންނާނެކަމަށް ވެސް ނަބީލު ބުނެލިއެވެ. ނަބީލުގެ ވާހަކަތަކުން ރަސްމީ ގޭޓު އޭނާއަށް ހުޅުވައިދިނެވެ. އެ ގޭޓުން ނަބީލު އެތެރެވިއެވެ.
ނަބީލު ބޭނުންވަނީ އެންމެ ކަމެކެވެ. މާބަދިގެ ހައިތައާ ހަމައަށް ދާށެވެ. އެ ތަނުގެ ހަގީގަތް ހޯދާށެވެ. އެތާ ހުރި ބައެއް ލިޔުންތައް ފޮޓޯ ނަގާށެވެ. އެ ނިޔަތުގައި އުސްފަސްގަނޑާ ހަމައަށް ނަބީލު ދިޔައެވެ. އުސްފަސްގަނޑުގެ އެންމެ އުހަށް އޭނާ އެރިއެވެ. އޭނާގެ ލެންސް އަމާޒުވީ ބިޔަ ނިކަގަހުގައި ކަނޑާ ނަގާފައިވާ ނަމެވެ. އޭގައި ލެޓިން އަކުރުން ލިޔެފައިވާ ފަސް އަކުރެވެ. އެ އަކުރުތަކުން އުފެއްދި ނަން ނަބީލު ކިޔާލިއެވެ. އެއީ ހާފިޒެވެ. ނަބީލުގެ ސިކުނޑި އެ ނަމާމެދު ވިސްނަން މަޖުބޫރުވިއެވެ. ރަނގަޅެވެ. އެ ގަހުގައި ނަމެއް ލިޔާނަމަ ލިޔަން އެންމެ ރަނގަޅު ނަމަކީ އެއީއެވެ. ހާފިޒު މަރުވީ އެ ސަރަހައްދަށްޓަކައި ކުރި މަސައްކަތުގެ ތެރެއިންކަމަށް ވާނަމަ އެ ގަހުގައި އެ ނަން ނުލިޔަންވީ ސަބަބެއް ވެސް ނެތެވެ. ނަބީލުގެ ހިތުން ހާފިޒަށް ތަޢުރީފު ކުރިއެވެ. ސާބަހާ އައްސަރިބަސް ތަކުރާރުކުރިއެވެ.
ނަބީލުގެ ހިތުގައި ހިނގި ޝުޢޫރާއެކު އޭނާގެ ދަބަސް ހުޅުވާލިއެވެ. ފަހަރަކު ޒިބެއް ހުޅުވުމަށްފަހު އަތް ކޮށްޕާލައި އެއްޗެއް އަތުޖެހޭތޯ ބެލިއެވެ. އެންމެފަހުން ދަބަހުގައި އޮތް ކަޓަރު އޭނާގެ އަތުގައި ޖެހުނެވެ. އެ ކަޓަރުން އޭނާ ފެށީ އޭނާގެ ނަން އެ ގަހުގައި ލިޔާށެވެ. އެ ނިޔަތުގައި ފަހަރަކު އަކުރެއް އެ ބިޔަ ގަހުގައި ކަނޑާ ނަގަމުން ދިޔައެވެ. އެންމެ ފަހު އަކުރު ކަނޑާ ނިމި ކަޓަރު ގަހުން ނައްޓާލުމާއެކު މުޅިތަނަށް ހީވީ ތޫފާނެއް އައިހެންނެވެ. ކާޅާއި ވާލުގެ އަޑުން ހީވީ އެ ސޮރުމެންނަށް ބަޔަކު ހަމަލާދިންހެންނެވެ. ކުރިން އަޑު ކެނޑިފައިވާ ހިމޭން ވަލުތެރޭގައި ހީވީ ބަޔަކު ހޭރޭހެންނެވެ. ބައެއް ފަހަރު ބުޅަލުގެ އަޑު އިވޭހެން ވެސް ނަބީލަށް ހީވިއެވެ. ނަބީލުގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. ދެ ކަންފަތުގައި އަތް އެޅުނެވެ. ގަތް ބިރާއެކު އަވަސްއަވަހަށް އުސްފަސްގަނޑުން ތިރިއަށް ދުއްވައިގަނެވުނެވެ. އެތަނުން ނުކުތުމަށް ގޭޓާ ދިމާއަށް މިސްރާބު ޖެހިއެވެ.
ހާސްވެފައިވާ ނަބީލުގެ ހިތުގެ ތެޅުން ދިޔައީ އިތުރުވަމުންނެވެ. އެ ހާސްކަމުގައި ނަބީލަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ވަލުތެރެއިން އިވެމުންދިޔަ އަޑުތަކެވެ. އެއަޑުތައް ބާރުވާހެން ވެސް ނަބީލަށް ހީވެއެވެ.
"ކިހިނެއް ވެފައި ތި ހުރީ. ހާދާ ހާސްވެފައި" ނަބީލު ފެނުމުން ސުވާލު ކުރީ އަންމަޑޭއެވެ.
"މި އައީ ހަތްކައަށް ގޮސް. އެތާ ހުރި ގަހުގައި މަގޭ ނަން ލިޔުނުތަނާ..." ނަބީލަށް ވާހަކަ ކުރިއަށް ގެންދެވުނީ އެހިސާބަށެވެ. އަންމަޑޭއަށް ތެޅިގަނެވުނެވެ.
"މިގަޑީގައި؟ ކިހިނެއް އެ ތަނަށް ވަނީ؟ ކާކު ހުއްދަ ދިނީ؟" އަންމަޑޭއަށް އަހައިލެވުނީ ހައިރާނުގެ ސުވާލުފައްޗެކެވެ.
"އާނ... އެތަނުން މިއައީ. އެ އިވޭ އަޑުތަކެއް ނުއިވޭތަ؟ އެ އިވެނީނު ކާޅު ގޮވާ އަޑު. ވާ ގޮވާ އަޑު. ހާދަބާރަކަށޭ އެ އިވެނީ" ނަބީލު ދައްކާ ވާހަކަތަކުން އޭނާއަށް ވެފައިވާ ގޮތް އަންމަޑޭއަށް ރެއަކާލިއެވެ. ގޮތްތަކެއް ވެފައި ކުއްލިގޮތަކަށް މަރުވި ހާފިޒަށް ވެސް ވީ ހަމަ އެހެންނެވެ. އަންމަޑޭއަށް ހީވީ އެ މަންޒަރުތައް ހަމަ ތަކުރާރުވީ ހެންނެވެ. ހާފިޒަށް ވެސް އެންމެ ފުރަތަމަ އެ ކަހަލަ އަޑުތަކެއް އިވެން ފެށީއެވެ. ދެން ގޮތްތަކެއް ވާން ފެށީއެވެ. އެހެންވެފައި ދެވަނައަށް ވީ ދުވަހު ނިޔާވީއެވެ.
ނަބީލު ތެޅި ފޮޅެނީއެވެ. ހާސްވެގެން މޮޔަ ގޮވަނީއެވެ. ކަންފަތަށް ވާ އުނދަގުލުން ދެ ކަންފަތުގައި ތަޅަނީއެވެ. ނަބީލުގެ އަޑުން އެ ގޭދޮށަށް މީހުން އެއްކުރުވިއެވެ. މުޅި ރަށް ކަހަލަ ގޮތަކަށް އެ ގޭދޮށަށް ޖަމާކުރުވިއެވެ. ނަބީލު މައިތިރި ކުރެވޭތޯ އެތައް ބަޔަކު ނަބީލު ހިފަހެއްޓޭތޯ އުޅުނެވެ. ނަމަވެސް އޭނާގެ އަތް ކޮންޓްރޯލެއް ނުކުރެވެއެވެ. ހަށިގަނޑަށް އަރާ ވަރުގަނޑު މައިތިރިއެއް ނުކުރެވެއެވެ. އޭނާގެ ދެ ކަންފަތުގައި ތަޅާވަރުން ދެ ކަންފަތުން ލޭ ފައިބަމުން ދިޔައެވެ.
ސިއްހީ މަރުކަޒަށް ނަބީލު ގެންދެވުނެވެ. އެތަނުން ފަރުވާ ދިނުމުގެ މަސައްކަތް ފެށުނެވެ. ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް ނަބީލަކަށް ލުއެއް ނުލިބެއެވެ. ހަމަ ހޭ އަރާއިރު ދެ ކަންފަތުގައި ތަޅަނީއެވެ. އަތް ބަނުމުން ވިޔަރި އަރުވަނީއެވެ. ނަބީލާމެދު އެކި މީހުން ދައްކަނީ އެކި ވާހަކައެވެ. އެއްބަޔަކު ބުނަނީ ހަތްކަ ސަރަހައްދުގެ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ނަބީލުގެ ހާލު މާ ބޮޑުވެ އޭނާގެ ހެޔަށް ގޮތްވެ ވަރުދޫވާން ފެށިއެވެ. އޭނާގެ ނޭވާ ކުރުވާން ފެށިއެވެ. އަތުގެ ބާރު ކެނޑެން ފެށިއެވެ. އަންމަޑޭގެ ލޮލުން ކަރުނަ ނީރޭން ފެށީ އެހިސާބުންނެވެ. ބައެއް މީހުންގެ ހިތުގެ ތެޅުން އަވަސްވީ ނަބީލުގެ ހަރަކާތް ކުއްލިއަކަށް ހުއްޓުމުންނެވެ. މެޝިނުން ދައްކަމުން ދިޔަ ރޮނގުތައް އެއް ރޮނގަކަށް ހަމަވުމުންނެވެ. ނޭވާ ހިފަހައްޓާލައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނޭވާ ދޫކޮށްލެވުނީ ނަބީލުގެ މޫނުގައި ފޮތިގަނޑު އަޅަން މަޖުބޫރުވުމުންނެވެ. އަންމަޑޭއަށް ދެލޯ މަރާލެވުނެވެ. އެކުވެރިއަކު މި ދުނިޔެއާ ވަކިވީއެވެ. ވޭނީ ހިތްދަތިކަމުގައި ނިމިގެންދިޔައީއެވެ. އިތުރު ގޮތެއް ނުފެނި އަލްވަދާއުކީއެވެ.
ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރު އަންނާނީ ކޮންތާކު، ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ނަބީލުގެ ފަހު ނޭވާ ލަންދޫ ފަސްގަނޑަށް ދޫކޮށްލަން ޖެހޭކަން އެނގޭނެ ނަމަ އޭނާ އެ ރަށަކަށް ނުދިޔައީހެވެ. އަދި ހަތްކައިގައި ހުރި ބޮޑު ނިކަގަހުގައި އޭނާގެ ނަން ލިޔުމުން އެހެން ވާނެކަން އެނގޭނަމަ އެކަމެއް ވެސް އޭނާ ނުކުރީހެވެ. ނަބީލުގެ މަރުން އޭނާގެ އެކުވެރި އަންމަޑޭއަށް ޔަގީންވާ އެއްކަމެއް އެބަ އޮތެވެ. ރަށުގައި އެއްގޮތަކަށް ދެ މަރު ހިނގިކަމެވެ. މަރުވި ދެ މީހުން ވެސް އެއް ވަގުތެއްގައި އެއްކަމެއް ކުރިކަމެވެ. އިރުއޮއްސޭ ވަގުތު އެ ބިޔަ ނިކަ ގަހުގައި ނަން ލިޔުނުކަމެވެ.
ރަށުތެރޭ ދެކެވޭ ވާހަކަތައް އަންމަޑޭ ދޮގުކުރިއެވެ. އެ ވާހަކަތަކުގައި އަސްލެއް ނެތްކަން އޭނާ ހާމަކޮށްދިނެވެ. ފަތުރުވެރިކަމަށް އެޅިދާނެ ހުރަހަށްޓަކައި ކަމުގެ ހަގީގަތް އޭނާ ސިއްރުކުރިއެވެ. އަންމަޑޭ އާއި އޭނާގެ އެކުވެރިން ހަމައެކަނި ކުރިކަމަކީ އިރުއޮއްސޭ ވަގުތު އެތަނަށް ދިއުން މަނާކުރީއެވެ. އެކަމަށް ޚާއްޞަ ބޯޑެއް ވެސް ބެހެއްޓީއެވެ.
(ނިމުނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ