އަސްކަރީ އެއާޕޯޓެއް ކޮންމެހެން ހުންނާކަށް ނުޖެހޭ: އަބްދުﷲ ޝަރީފް

އަސްކަރީ ބޮޑު އެއާޕޯޓެއް ރާއްޖޭގައި ކޮންމެހެން ހުންނަން ނުޖެހޭ ކަމަށް ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.
ވީނިއުސްގެ ތަފްސީލު ޝޯގައި ވާހަކަ ދައްކަވަމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ ކައްދޫ އެއާޕޯޓަށް ބޮޑު ނަމެއް ދެވުނު ނަމަވެސް އެތަނަށް އެއްވެސް ވަރެއްގެ ތަރައްގީއެއް އައިސްފައި ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ކައްދޫ އެއާޕޯޓުގެ ހާލަތާ ގުޅިގެން މީގެ ކުރީގެ ސަރުކާރުތަކަށް އެކަން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އެއްވެސް ސަރުކާރަކުން އެކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ދީފައި ނުވާ ކަމަށެވެ. ފަތުރުވެރިކަން ކުރިއަރަމުން އަންނަ އަތޮޅެއްގައި ފެންވަރު ރަނގަޅު އެއާޕޯޓެއް އޮތުން މުހިއްމުކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ހައްދުންމައްޗަކީ ގިނަ މީހުން ވައިގެ މަގުން ދަތުރު ކުރާ އަތޮޅެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކައްދޫ އެއާޕޯޓުގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ގެންނާނީ ކިހާ މިންވަރެއްގެ ތަރައްގީއެއް ކަމެއް އަދި ނޭނގުނު ނަމަވެސް ސަރުކާރާއެކު އަތޮޅު ކައުންސިލުން ދަނީ މަޝްވަރާކުރަމުން ކަމަށްވެސް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކައްދުއަކީ އަތޮޅުގެ ރައްޔިތުން މޫނުބަލާ ލޯގަނޑަށްވާއިރު ވައިގެ ބަނދަރެއްގެ އިތުރުން ރަނގަޅު ފެންވަރެއްގެ ބޮޑު ބަނދަރެއްވެސް އެރަށުގައި ހަދަންޖެހޭ ކަމަށެވެ. ލ. އަތޮޅު ފަދަ ބިން ބޮޑު ތަނެއްގައި މިހާރަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1980ގެ އަހަރުތަކުގައި ތަރައްގީކުރި ހައްދުން މަތީ ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ކައްދޫ އެއާޕޯޓް ދިވެހި ސިފައިންގެ ބޭނުމަށް ދޫކޮށްފައިވީ ނަމަވެސް މި އެއާޕޯޓަށް މަދަނީ ދަތުރުތައް ވެސް ކުރެވެ އެވެ. ކައްދޫ އެއާޕޯޓް އަސްކަރީ އެއާޕޯޓަކަށް ބަދަލުކުރުމުން ހަމައެކަނި އަންނާނެ ތަފާތަކީ އެތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެ އެތަން އިތުރަށް ތަރައްގީވެގެން ދިޔުން ކަމަށް ނިމިގެން ދިޔަ ސަރުކާރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ