މައުމޫން ވަނީ އިލްމުވެރިއެއްގެ ބަސްފުޅު އޮޅުވާލާފައި!

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ޓްވީޓްގައި ވަނީ މައުލޫމާތު އޮޅުވާލާފައި ކަމަށް ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މައުމޫންގެ ޓްވީޓްގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަކަމަށް ވިދާޅުވެ ބައެއް އިލްމުވެރިންގެ ނަންފުޅުތައް ހިމަނުއްވާފައިވެއެވެ. އޭގެ ތެރޭގައި މިސްރަށް އުފަން އިލްމުވެރިއެއް ކަމަށްވާ ޔޫސުފް އަލް-ޣަރަދާވީގެ ނަންފުޅު ވެސް ހިމެނެއެވެ.
ނަމަވެސް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣަރަދާވީ ވިދާޅުވަނީ ވަކި ހާއްސަ ހާލަތްތަކެއްގައި ވަކި ހާއްސަ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ކަމަށެވެ.
"ޣަރަދާވީ ވިދާޅުވެފައި ވަނީ ޖިނާޢީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް. މުތުލަޣުކޮށް ހުއްދަ ކުރައްވާފައެއް ނުވޭ." އިޔާޒް ވިދާޅުވިއެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަކީ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވި ނަމަވެސް އަންހެނާ އާއި އޭނާގެ އާއިލާ އަދި މުޖުތަމަޢު އާއި އިސްލާމްދީނުގެ މަސައްލަހަތައް ބަލަން ވާނެ ކަމަށް ޣަރަދާވީ ވިދާޅުވެފައިވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.
"ޣަރަދާވީ ވިދާޅުވަނީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނީ އެކަމަށް އާއްމު މަސައްލަތު އޮވެގެން ކަމަށް. އަދި އޭނާ އަކީ އެހެން މީހުންނަށް ވުރެ ފަނޑިޔާރުކަން ކުރުމުގައި ގާބިލް ސިފަތަކެއް ލިބިގެންވާ މީހެއް ކަމުގައި ވެގެން ކަމަށް." އިޔާޒްގެ އިތުރު ޓްވީޓެއްގައި ވެއެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ. ނަމަވެސް މައުމޫން މިއަދު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ