ހެލިކޮޕްޓަރުގައި 5 މޭލު ބެލިއްޖެ! ޝިމާ އާއި ޑިންގީ ވެސް ނުފެނުނު!

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަތުރުކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދަމުންދާ ޝިމާ ނާފިޒު ހޯދުމަށް ހެލިކޮޕްޓަރުގައި ސިކްސް ސެންސަސް ރިސޯޓް ކައިރީ ކަނޑުގެ ސަރަހައްދުގެ 5 މޭލު ބަލާފައިވާއިރު ވެސް ޝިމާ އާއި އޭނާ ދަތުރުކުރި ޑިންގީ ވެސް އަދި ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ޝިމާ ގެއްލުމާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެ މަގުން ސިކްސް ސެންސަސް ލާމު ރިސޯޓުގެ ކައިރީ ކަނޑުގެ ސަރަހައްދުގެ ފަސް މޭލުގެ ބޮޑު ސަރަހައްދެއް މިއަދު ބަލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ސިފައިންގެ ސެންޓުރަލް އޭރިއާގެ ސިފައިންނާއި ކޯސްޑްގާޑު ޑައިވަރުން އަދި ކޯސްޓްގާޑު ޝަހީދު އަލީ ޝިޕް ވެސް ހުއްޓުމެއްނެތި ޝިމާ ހޯދުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ނަމަވެސް މިހާތަނަށް ބެލިބެލުމުގައި ޝިމާގެ ހަބަރެއް ވެފައިނުވާ ކަމަށާއި އަދި އޭނާ ދަތުރުކުރިކަމަށް ބުނާ ޑިންގީ ވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޝިމާ ގެއްލުނީ، ލ. ފޮނަދޫން ފުރައިގެން އެ އަތޮޅު މާމެންދޫއަށް ރައްޓިއްސަކާއެކު ޑިންގީއެއްގައި ދަތުރުކުރަމުންދަނިކޮށް، ޑިންގީ ބަންޑުން ޖަހާލައިގެންނެވެ. އޭނާ ގެއްލިގެން ހޯދަމުންދާއިރު، އެ ހާދިސާގައި ސަލާމަތްވީ ޑިންގީ ދުއްވަން އިން ޝިމާގެ ރަހްމަތްތެރިޔާ އިބްރާހިމް ފަޒީލެވެ.
އޭނާ ސަލާމަތްވީ ޑިންގީ ބަންޑުން ޖަހާލުމުން އެހީ ހޯދުމަށް ފަތާފައި ގޮސް ސިކްސް ސެންސަސް ލާމު ރިސޯޓަށް އެރުމުން ކަމަށްވެއެވެ.
ފަޒީލު ބުނާގޮތުގައި، އޭނާ އެހީ ހޯދަން ރިސޯޓަށް ދިޔައީ ފެންމަތީގައި ފްލޯޓް ކުރުމަށް ރީނދޫ ހަމަކާއި މޯބައިލް ފޯނެއް ޝިމާގެ އަތަށް ދީފައެވެ.
ޝިމާ ގެއްލުނު މައްސަލައިގައި އޭނާއާ އެކު ދަތުރުކުރި ފަޒީލުގެ ވާހަކަތައް ޝިމާގެ އާއިލާއަށް ގަބޫލުކުރަން ދަތި ކަމަށް ބުނެފައިވާއިރު އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ