ޝާހުގެ ކޮއްކޮގެ ރޯލް ކުޅެން ކާޖޮލް ބޭނުމެއް ނުވި
ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭ ހިމެނޭ "ޖޯޝް"ގައި ފެންނަ ޝާހުގެ ކޮއްކޮގެ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ބަތަލާ ކާޖޮލްއަށެވެ. ކާޖޮލްއާއި ޝާހު އަކީ 90އިގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑެވެ. އެހެންކަމުން "ޖޯޝް"ގެ ޑައިރެކްޓަރު މަންސޫރު ޚާން ބޭނުންވީ ބެލުންތެރިންނަށް މި ޖޯޑު މުޅިން ތަފާތު ރޯލަކުން ގެނެސްދިނުމަށެވެ. ނަމަވެސް، ކާޖޮލްއަށް މި ޚިޔާލު އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. ފިލްމު ޑައިރެކްޓަރު މަންސޫރު ޚާން މީޑިއާއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކާޖޮލްއަށް ފިލްމު "ޖޯޝް" ހުށަހެޅި ދުވަހު ކަންތައް ހިނގާދިޔަގޮތް މިހާރު ވެސް ވަރަށް ހަނދާންވާ ކަމަށެވެ. ބޮލީވުޑް ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި އައިޝްވަރިޔާ ރާއީ ފިލްމު "ޖޯޝް"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ ފިލްމު "ޖޯޝް"އަށް ކާޖޮލްގެ ބަދަލުގައި އައިޝްވާރިޔާ ގެންނަން ނިންމީ ޝާހުގެ ކޮއްކޮގެ ރޯލް ކުޅެން ކާޖޮލް އެއްބަސްނުވުމުން ކަމަށް މަންސޫރު ޚާން ވަނީ ބުނެފައެވެ. ޝާހުގެ ކޮއްކޮގެ ރޯލްގެ ބަދަލުގައި ކާޖޮލް ބޭނުންވީ "ޖޯޝް"ގައި ޝާހު ފެންނަ ލީޑް ރޯލް ކުޅެން ކަމަށް މަންސޫރު ޚާން ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ފިލްމުގެ ކާސްޓަށް ހޮވާ ހުރިހާ ތަރިންނަކީ ވެސް މަންސޫރު ދެކޭ ގޮތުގައި ފިލްމުގައި ދައްކުވައިދޭން ބޭނުންވާ ކެރެކްޓާތަކަށް ވަރަށް މުހިންމު ބައެއް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން ޝާހްރުކް ޚާން ފިލްމު "ޖޯޝް"ގެ ކާސްޓުގައި ހިމެނުނަސް އޭގެ ހިޔަނި އެހެން ރޯލްތައް ކުޅޭ ތަރިންގެ ކެރެކްޓާއަށް ނޭޅޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މަންސޫރު ވަނީ ބުނެފައެވެ. ފިލްމަށް އައިޝްވާރިޔާ ހޮވަން ފަހުން ނިންމީވެސް އެ ވިސްނުމުގައި ހުރެ ކަމަށް މަންސޫރު ވަނީ ބުނެފައެވެ. ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 4.1 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނެވެ. ޝާހު ގޭންގްސްޓާއެއްގެ ރޯލް ކުޅުނު މި ފިލްމަށް 2000ވަނަ އަހަރު ބޭއްވި 46ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވަނީ ލިބިފައެވެ. މީގެ އިތުރުން އެ އަހަރުގެ ފިލްމުފެއަ އެވޯޑްސްގެ ފަސް ކެޓަގަރީ އަކަށް ފިލްމު "ޖޯޝް" ވަނީ ނޮމިނޭޓްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ