ކެމޮމައިލް 17

"ޔޫސުފް ސޫރަތް ހާދަ ރީއްޗެވެ. އެ ސޫރަތް އަހަރެމެންނަށް ދަސްކޮށްދެނީ އެންމެ ގާތް މީހުންވެސް ބޭވަފާތެރިވެދާނެކަމެވެ. ހަލާކުވެފައިވާ ހިތްތަކަށް ލޯބިދީގެން ފަރުވާދެވިދާނެކަމެވެ. އުދަގޫތަކަށްފަހު ފަސޭހަކަން ލިބޭނެކަމެވެ. ކެތްތެރިވާ މީހުންނަށް ރީތި ނިމުމެއް އަންނާނެކަމެވެ." *** މިރިއަމްގެ ހިތުގެ ވިންދެއް މެދުކެނޑުނެވެ. އޭނަ އެއްޗެއް ބުނަން ބޭނުންވިއެވެ. އޭނައަކީ ކާކުކަން ބުނެދޭނެ ހަނދާނެކެވެ. އެކަމަކު އޭގެ ބަދަލުގައި ހަމައެކަނި ބޯ ޖަހައިލއެވެ. ކުއްލިއަކަށް ޒުބޭރު ތަންކޮޅެއް ކައިރިއަށް އައިސް ހުއްޓުނެވެ. މުޅިން އެމޫނު ދެނެގަތް ފަދައިންނެވެ. ވާނުވާގައި ހުރެފައި ކުއްލިއަކަށް ހައިރާންކަމެއް ލިބުނެވެ."ވެއިޓް އެ ސެކަންޑް....." އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ. ޔަގީނެވެ. ޒުބޭރުއަށް އޭނަ އެނގިއްޖެއެވެ. "މިރިއަމް؟" ޒުބޭރުގެ ދެލޯ ތަންމިނަށް ބޮޑުކޮށްލިއެވެ. "އާނނ..ދުވަސްތަކެއް ވެއްޖެ ދޯ ދިމާނުވެ..."އޭނަގެ ހިނިތުންވުން ފުންވިއެވެ. ޒުބޭރުއަށް އައިސްފައިވާ ބަދަލުތައް ދެގެނަންނަންވެގެން އޭނަވެސް ރަކިވާހެން ކަޅިނުޖަހާ ބަލަން ހުރެވުނެވެ. މޫނުގެ ސިފަ ބައްޓަންވެ ތަންކޮޅެއް ހަރުވިޔަސް ލޮލުގައިވާ ލާނެތްކަމަކަށް އެއްވެސް ބަދަލެއްނާދެއެވެ. މާ ގަދަޔަށް ބެލުނުކަމުގެ އިހުސާސާއެކީ އޭނަ ފުން ނޭވާއެއްދޫކޮށްލަމުން ނަޒަރު ތިރިކޮށްލުމާއެކު އަޅައިގަތީ ޒުބޭރުގެ ގިރުވާނެވެ. ބޭރަށް ފެންނަން ހުރި ފަތާއެކު ކޯތާފަތުގައި ކުޑަކޮށް ޗަކަހުރުމުން ހީވަނީ ކުކުޅު ކޮށިގަނޑަކަށް މޫނު ވަތަށް ވެއްޓުނުހެންނެވެ. ޒުބޭރުގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ."ވާއު....އޯކޭ..މިއީއެއްނޫން މިރިއަމްއާއި ދެވަނަ ފަހަރަށް ދިމާވެދާނެކަމަށް ޚިޔާލުކުރިގޮތަކީ..." "ސޫޓެއްލައިގެން..."މިރިއަމް ލޯބޮޑުކޮށްލިއެވެ. އޭނަ އަމިއްލަ ހެދުމެއް ނަޒަރު ހިންގައިލުމަށްފަހު މިރިއަމްއަށް ބަލައިލީ އެއްމިޔަކަނުން ހީލަމުންނެވެ." އެހެން އެކަން އޮތީ..... އެކަމަކު މިރިއަމްގެ އަވަށްޓެރިޔާ ކުކުޅުފަހާ މަގުމަތީގައި އުޅެން ޖެހުނީމަ ޖެހުނު ހާލު......." "އަހަރެން ބުނީމެއްނު އެހީތެރިކަމެއް ބޭނުމެއްނުވެއޭ......ނުބުނަންތަ ކޮއިފުޅު...."ހަސަންބޭގެ އަޑު ދާދި ކައިރިން އިވިގެން މިރިއަމްވެސް އެނބުރި ބަލައިލިއެވެ. ހަސަންބެ އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ޒުބޭރު މިރިއަމްއަށް ހިނިތުންވުމެއްދިނެވެ."ވަރުގަދަ ދުވަހެއް ނިމުމަކަށް މިއައީ..." އޭނައަށް ކުޑަކޮށް ހެވުމާއެކ ހުނުން މަތަ ނުކުރެވި ގަދަޔަށް ހެވެން ފެށުނެވެ. ބޮލަށް އެނބުރުން އަރާވަރަށެވެ. "އަހަރެން އެނބުރި މިއައީ. ދުވަސްކޮޅަކަށް.." "އެހެންތަ؟ އެކަމަކު.......ވަރަށް ބަދަލުވެއްޖެ..."އޭނަ އަޑު އެއްވަރަކަށް ބަހައްޓަން މަސައްކަތްކުރިއެވެ. ޒުބޭރު އިސްކޮޅުން ދިގުކަމާއެކު ސޫޓުގައި ފެންނަލެއް ތަންކޮޅެއް ނުރައްކާތެރިއެވެ. އެކަމަކުވެސް އެއީ އޭނަ ދެކެފަރިތަ "އެކުވެރިޔާ"އެވެ. "ތިކުއްޖާވެސް....." އެ ޖުމްލައިގާ ސަމާސާގެ ކުލަވަރެއްނެތެވެ. ނަރުސްކުއްޖަކު އެމީހުންނާއި އަރާހަމަވިއެވެ."ހަސަން އަބްދުލްކަރީމްގެ ބެލެނިވެރިޔާ؟" ޒުބޭރު ކުޑަ ސެލިއުޓެއްދިނެވެ."އެއީ އަޅުގަނޑު......" ޒުބޭރު އެނަރުސްކުއްޖާގެ ފަހަތުން ދާން ހިނގައިގަންނަމުން އެނބުރި އޭނައަށް ނަޒަރެއްދިނީ މަޖާވައްތަރަކަށް ހީލަމުންނެވެ." އެނގޭތަ؟ އާއްމުކޮށް ހުންނަހެން ތުންދިއްކޮށްލައިގެން ރުޅިއައިސްފަ ނެތީމަ އަހަންނަށް ހަމަ ވަކިކުރާންވެސް ނޭގުނު. މިހާރު ނަރުހަކަށްވީމަ ހިތް މަޑުވީކަމަށްވާނީ...މިރިއަމްއަކާއި ވައްތަރެއްނޫން..މިރިއަމް ކާލާފައި އަރާ ހުރި ޖިންނި ކުއްޖެއްތަ އަނެއްކާ.........." "ދުވަހަކު ތީނަ ބަދަލެއްނުވާނެ.."އޭނަ ކަޅި އަބުރައިލިއެވެ. "ނޮޓް ވެން އައިމް ރައިޓް..." ޒުބޭރު ބުމަ އަރުވައިލިއެވެ. ޒުބޭރު ހަސަންބެގެ ފުރޮޅުލީ ގޮނޑިދުއްވަމުން ދިޔައިރު ދެމީހުން އަރައިރުންވަމުން ދިޔައީ ތެލުލާފައިވާ ކުުކުޅާއި އިހުސާންތެރިކަމުގެ ބަދަލު ނުދިނުމާއި ބެހޭގޮތުންނެވެ. އޭނަ ބަލަން ހުރިއިރު އިހުސާސްކުރެވުނީ ރަށުން މަދުވެފައިވާ އެއްޗެއް އަނބުރާ އިއާދަވީފަދައިންނެވެ. ރަށުގެ ފަޅުކަން ކޮންމެވެސް ވަރަކަށް ކެނޑި ދިރުން އައިފަދައެވެ. ހޫމް. އޭނަ މިބުނީ ކީކޭހެއްޔެވެ؟ އެނިސްބަތްކުރެވުނީ ޒުބޭރުއަށް ހެއްޔެވެ؟ ޒުބޭރުއަކީ ހަމަ ރަށުގެ ދިރުންހެއްޔެވެ؟ އޭނަ ހިނގައިގަތްއިރު ތަންކޮޅެއް ޅަ ނަރުސްކުދިންތައް އެމީހުންގެ ހަރަކާތްތައް ދެކެން ތިބެފައި ވާހަކަދައްކާ އަޑު ކަންފަތުގައި ޖެހުނެވެ. "ދެކުނިންތަ؟ އެސޫޓުގައި ހުރި ބޯއި....."އެކުއްޖާގެ އަޑުގައި ހުރި ޝައުގުވެރިކަން މޫނުމަތީގައި ހިފާލަފައިވިއެވެ. ދެން ހުރި ކުއްޖާވެސް އެއްބައިވެލިއެވެ."އާއެކޭ.. ހާދަ ރީއްޗޭ. ސްމާޓް......." އޭނައަށް ހެވުނެވެ. ހައިރާންވެސް ވިއެވެ."ތިދައްކަނީ ޒުބޭރުގެ ވާހަކަ؟" "އާނ....ވާއު...އޭނައާއި ގުޅުމެއް އޮތީތަ؟ ފްރެންޑެއް؟" އެކުދިން އެކަކު އަނެކަަކަށް ބަލައިލިއެވެ. "އޭނައާއި ބެހޭގޮތުން މިހަލަ އަޑެއް އިވިދާނެކަމަށް ހިޔެއްނުކުރަން..." "އަހަރެމެން މިބުނަނީ ދޮގެއްނޫނެއްނު......އޭނަ ސިފަކުރަންޏާ ބުނެވޭނީ "ޗާމިން އައިލެންޑް ގާއ"ި ވައިބް އެބަހުއްޓޭ. މިދުވަސްކޮޅު ވަރަށް ސަމާލުކަން ލިބޭކަން ޔަގީން." އޭނައަށްވެސް އެކުދިންގެ ވާހަކަ އިވުމުން މަޖާވިއެވެ. ކުޑައިރު އެހާ ސަކަރާތްޖަހާ ސީރިޔަސްކަމެއްނެތި ބޮޑުވަމުން އައީ މިސްފިޓްއެއްގެ ގޮތުގައެވެ. އަބަދުވެސް ކޮންމެވެސް މޮޔަކަމެއްގައި ނޫނީ އުޅުނުކަމެއް ނޭގެއެވެ. އޭރު ރަނޑުކުއްޖަކަށްވެސް ހެދިއެވެ. ގަނާކުރިއެވެ. ނަމަވެސް މިހާރު ފިރިހެންވަންތަވެއްޖެއެވެ. ހޮސްޕިޓަލުތެރޭގައި އޭނަ މަޝްހޫރުވެއްޖެއެވެ. ގަބޫލުކުރަންވެސް މަޖާކަމެކެވެ. "އަހަރެމެން އެންމެންވެސް ބްލައިންޑްއީ....."އެމީހުންނާއި ދުރަށް ހިނގައިގަންނަމުން އޭނަ ކިޔައިލިއެވެ."ކާކަށް އިނގޭނީ؟" ޔަގީނުންވެސް އޭނަ ދެކެއުޅުނު ކުޑަ ޒުބޭރު ޒުވާން ފިރިހެނަކަށް ވީއެވެ. *** އުޑުމަތި ޕީޗާއި ރަންކުލައިން ޕެއިންޓްވަމުން ދިޔައިރު މިރިއަމްވެސް ޑިއުޓީ ނިންމާލާފައި އެތަނުން ނުކުމެގެން ހިނގައިގަތީއެވެ. އޭނަ ފިޔަވަޅުތައް އަޅަމުން ދިޔައީ ލަސްލަހުންނެވެ. ރަށުގެ ފިނިވައިރޯޅިތައް އޭނަގެ މޫނުގައި ބީހުމުން ފިނިކަން އިހުސަސްކުރެވުނެވެ. ރަށުތެރެއަށް ފެތިރިފައިވި ހިމޭންކަން ދޭތެރެއަކުން މުގުރައިލަނީ ދޫނިތަކުގެ ލަވަކިޔުމުންނެވެ. އޭނަގެ ޚިޔާލީ ދުރުމީއަށް ކުއްލިއަކަށް ލައިލާ އެރިއެވެ. އެއްއިރެއްގައި ވަކިވެ އުޅުނު ދެމިތުރުންނެވެ. އަބަދާއަބަދުހެން އެކީގައެވެ. އެތައް އުފާވެރި ހަނދާންތަކެވެ. ލައިލާ ހުރިނަމަ ޒުބޭރުގެ އާ ސޫރައާއި ބެހޭގޮތުން ބުނާނެ އެއްޗެއްވެސް ނޭގެއެވެ. މީހުންބުނި ގޮތުން ވިއްޔާ ލައިލާ ރަށުން ވަކިވީ ފަތުރުވެރިޔަކާއެކީގައެވެ. އޮމާންވާހަކަތަކާއި އެކު ދެއްކުންތެރިކަމަށް ހެއްލި ދުނިޔެ ހޯދާދޭނެކަމުގެ ވައުދުކުރިއެވެ. އެ އަވައިގާ ލައިލާވެސް ޖެހުނީއެވެ. އެންމެފަހުން ޚަބަރު ލިބުނުއިރު އޭނަވީ އޮސްޓްރޭލިއާގައެވެ. އޭގެ ފަހުން އެހެން ދިމާލަކަށް ދިޔަކަމަށް ވިއެވެ. އެކިމީހުންގެ ރައުޔުވެސް ތަފާތެވެ. އެކަމަކު އެއްވެސް ވާހަކައެއްގައި އުފާވެރި ނިމުމެއްނެތެވެ. ބައެއްކުދިން އޮޔާއެކު ގޮސްފައި އެނބުރި އައުމެއްނެތެވެ. އޭނަ އަންނަންވީ ރުޅިކަމެއް ނޫނީ ހިތާމަކަމެއް ނޭގުނެވެ. ފަހަރެއްގައި ދެ އިހުސާސްއެވެ. ސަޔާރާ އަދިވެސް އުޅެނީ ރަށުގައެވެ. އެކަމަކު ވަޒީފާގެ ގޮތުން ދެމީހުން ބައްދަލުވަނީ ދާދި މަދުފަހަރެއްގައެވެ. އެކަމަކު ދިމާވެއްޖެއްޔާ މާޒީގެ ދުވަސްތައްފަދައެވެ. އެގޭގެ ހިޔާކޮށްފައިވާ ފެންޑާގައި ކެމޮމައިލް ސައިބޯން ތިބެ އެކި މައުޟޫއަށް ވާހަކަދައްކައެވެ. އެންމެ ގިނައިން ދެކެވެނީ ދީނީ ވާހަކަތަކެވެ. ސަޔާރާ ނުދަންނަ ޝޭޚެއް މަދުވާނެއެވެ. އޭނަ އެތައް ދަރުސްތަކެއްބަލާ އިލްމު ހޯދައެވެ. ގުރުއާންގެ އިލްމު ހޯދާ ގުރުއާން ކޯސްތައް ހަދާ އެންމެފަހުން އަރަބިބަސް ދަސްކުރާ ކޯހެއްގައި ބައިވެރިވިއެވެ. ދިމާވާ ދުވަސްކޮޅެއްގައި މިިރިއަމް ދީނީ ކަންތައްތަކަށް ބޮޑަށް ފަރުވާތެރިވެއެވެ. ގުރުއާންވެސް ކިޔަވައެވެ. ދުވަސްކޮޅަކުން އަނެއްކާ ހަނދާންނެތިދެއެވެ. ޝައިތާނާގެ ވަސްވާސްތަކެވެ. އޭނަގެ ދިރިއުޅުމުގައި ބަދަލުނުވާ އެކަކީ ސަޔާރާއެވެ. ބައެއްމީހުން އެކުގައިވެއެވެ. ބައެއްމީހުން އޭނަ ދޫކޮށްފައި ދިޔައީއެވެ. ޒުބޭރުފަދައިން ބައެއްމީހުން ދުރަށްގޮސްފައި އެނބުރި އައެވެ. މުޅިން ތަފާތު ސޫރައެއްގައެވެ. ސަޔާރާ ބުނާގޮތުން ހަގީގީ ބަދަލުވުމަކީ މުއްސަދިވުމެއް ނޫނީ ސްމާޓްވުމެއްނޫނެވެ. ނޫނީ މީހުންގެ ސަމާލުކަން ލިބުމެއްނޫނެވެ. ހަގީގީ ބަދަލީ ތިމާގެ ހިތާއި ފުރާނަވެސް ﷲތައާލާގެ ހަޟުރަތަށް ކުރިމަތިކުރުމެވެ. އެދާ މަގު މަތީގައި ވެއްޓުނަސް އަލުން ތެދުވެގެންވެސް މަސައްކަތްކުރުމެވެ. އެންމެ ރަގަޅު ބަދަަލަކީ ތިމާ ހެއްދެވި ފަރާތާއި އޮންނަ ގުޅުން ރަގަޅުވުމެވެ. މިރިއަމްގެ ހަޔާތުގައި ވި މީހުންނާއި މިހާރު އަދި މާދަމާ ވާން ތިބި މީހުންވެސް ދަތުރުކުރާނެ މަގެއް އޭނައަކަށް ނޭގެއެވެ. އޭނަގެ އުއްމީދަކީ އެންމަނަށްވެސް އުފާވެރި ނިމުމެއް ލިބުމެވެ. ގެއާއި ދިމާލަށް އޮންނަ ހަނި ގޯޅިގަނޑުގައިވާ ފަތްތައް ބޫޓުގެ ދަށުގައި ޗިސްކުރަމުން އޭނަ ހިނގަމުން ދިޔައެވެ. ޑިސެމްބަރަކީ އެރަށަށް ސްނޯ އަދި ގަނޑުފެން ފައިބާ މޫސުމެއްނޫނެވެ. އެކަމަކު ވައިގާވާ ހިމޭންކަން އޭނައަށް ހަނދާންކޮށްދިނީ އަހަރު ނިމެމުންދާކަމެވެ. ފަސްއަހަރެވެ. އެއީ ވައުދެކެވެ. ހަމްޒާ ފަސްއަހަރު ފަހުން އަންނާނެކަމަށް ވައުދުވިހެއްޔެވެ؟ ނޫނީ އޭނަ ފަސްއަހަރަށް ކިޔަވަން ދާވާހަކަ ބުނީމަ މިރިއަމްއަށް އެހެން ހީކުރެވުނީހެއްޔެވެ ދިރިއުޅުން ކުރިއަށް އެބަދެއެވެ. ހަމްޒާއަށްފަހު އޭނަގެ ދިރިއުޅުމަށް އައި ހިމޭންކަމާއި އެކަނިވެރިކަމާއިވެސް އެކުވެސް އޭނަ ހިތްވަރާއެކު ކުރިއަށް ފިޔަވަޅު އެޅިއެވެ. ވަޅުގަނޑަކަށް ވެއްޓުމުން ނާރާ އެހެން އޮތުމުގެ ބަދަލުގައި ހިތްވަރާއި މަސައްކަތުން އެތަނުން އަރާ އޭނަވަނީ ހަގުރާމައިގެ މައިދާނަކަށް ނުކުމެފައެވެ. ބަލިމީހުން އެހީއަށް ބޭނުންވެއެވެ. ބިލް ދައްކަން ޖެހެއެވެ. ކައިބޮއި އުޅެން ޖެހެއެވެ. އިންތިޒާރުގައި ހުރި އަންހެންކުއްޖަކަށްޓަކާ ދުނިޔެއެއް ނުހުއްޓޭނެއެވެ. ގޭގެ ދޮރާއި އަރާ ހަމަވެފައި އޭނަ އެނބުރި ދުރުދުރުން ފެންނަ ފާލަމާއި ދިމާލަށް ބަލައިލިއެވެ. އެގަޑީގެ ގޮތުން ކިރިޔާ ހެކަ އަޅާކަމެވެ. އެއްވެސް އެއްޗެއް ނުފެނެއެވެ. ހަމައެކަނި ވަޔާއި މޫދާއި އެއްވަރަކަށް ހިގަމުންދާ ގަޑީގެ ކަށީގެ އަޑެވެ. އޭނަ ޚިޔާލުތައް އެއްފަރާތްކޮށްފައި ގެއަށް ވަނުމުން އާދައިގެ މަތިން ވަށައިލީ ކެމޮމައިލް އަދި ދުވަސްވީ ވަކަރުގެވަހެވެ. ހަނދާނެއްފަދައިން އޭނަގެ ގައިގާ ބައްދައިލިފަދައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ