އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އިއްވި އަށް އަހަރު ދުވަހުގެ ޖަލު ހުކުމު ބާތިލްކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
އަދީބް އަށް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމީ އެމްއެމްޕީއާރްސީން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އަދީބްގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވުމުންނެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ އަދީބުގެ މައްޗަށް ސާބިތުވި ހިޔާނާތުގެ ދައުވާ ހައިކޯޓުން ބާތިލްކުރި މައްސަލަ މާދަމާގެ ވަގުތެއްގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އިއްވި އަށް އަހަރު ދުވަހުގެ ޖަލު ހުކުމު ބާތިލްކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައި މިވަނީ ހައިކޯޓުން މިމައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައިވާ ވަގުތެއްގަ އެވެ.
މީގެއިތުރުން އަދީބާ ގުޅޭ އެހެން 14 މައްސަލައެއްވެސް ކްރިމިނަލް ކޯޓުން ވަނީ ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލާފަ އެވެ.
އަދީބްގެ މައްޗަށް އިއްވާފައިވާ ޖިނާއީ ބޮޑެތި ހުކުމްތަކުގެ ތެރެއިން ބާތިލްކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިނާޔާތާ ގުޅިގެން ކުރެވުނު ދައުވާގެ އިތުރުން ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުން ކުރެވުނު ޓެރަރިޒަމުގެ ދައުވާއާއި، ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ކުރެވުނު ޓެރަރިޒަމުގެ ދައުވާ އެވެ.
މިދައުވާތައް ސާބިތުވެ އަދީބަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އިއްވުނު ނަމަވެސް އަދީބް މިވަގުތު ހުކުމް ތަންފީޒު ކުރަމުންދާ ހަމައެކަނި މައްސަލަ އަކީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އަދީބަށް އިއްވާފައިވާ 15 ދުވަހުގެ ހުކުމް އެކަންޏެވެ.
އަދީބަށް އިއްވި 8 އަހަރުގެ ހުކުމް ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ