އާންމުދަނީ ހޯދުމުގެ މަސައްކަތެއް ކުރަން ކަމަށްވިޔަސް މާލެ ދަތުރު ކުރާ ބޯޓްފަހަރުގައި މާލެ ދަތުރު ކުރުން މަނާކޮށް ގަމު މެޖިސްޓްރޭޓް ކޯޓުން މީހެއްގެ މައްޗަށް އަމުރެއް ނެރެފިއެވެ.
މިއަމުރު ނެރުނީ މީގެ ދެތިން ހަފްތާ ކުރިން ގަމުގައި ދެގްރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ސަބަބުން ފުލުހުން ހައްޔަރުކުރި ޒުވާނެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެޒުވާނާގެ މައްޗަށް އަމުރު ނެރުނީ އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލުމުގެ ކުރިން މެޖިސްޓްރޭޓް އޭނާގެ މައްޗަށް ކުރި ޝަރުތެއްގެ ގޮތުގައެވެ.
މިޒުވާނާގެ މައްޗަށް އިތުރު ތިން ޝަރުތެއް ވެސް މެޖިސްޓްރޭޓް ވަނީ ކޮށްފައެވެ. އެއީ ގަމުގެ ގާޑިޔާއެއް ކައިރިއަށް އެއްވެސް ބޭނުމެއްގައި ނުދިއުމާއި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީ އަދި މިނޫންވެސް ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި އެކު ނޫޅުމާއި އެފަދަ ފަރާތްތައް ގޭދޮށަށް ޖަމާކޮށް ވާހަކަދައްކަން ނުހުރުން އަދި ރޭގަނޑު 10:00 އިން ހެނދުނު 7:00 އާއި ދެމެދު ބޭރަށް ނުދިއުމެވެ.
ދެގްރޫޕެއްގެ ދެމެދުގައި ހިނގި ޒުވާބާއި ގުޅިގެން ހައްޔަރުކުރި ބައެއް އެހެން ޒުވާނުން ދޫކޮށްލުމުގެ ކުރިން އެމީހުން ވެސް ބައެއް ތަންތަނަށް ދިއުމާއި ބައެއް ގަޑިތަކުގައި ގެއިން ނިކުތުން މަނާކޮށް އެމީހުންގެ މައްޗަށް ވަނީ ޝަރުތުތަކެއް ކަނޑައަޅާފައެވެ.
އަދި މިއިން އެއްވެސް ޝަރުތަކާއި ހިލާފުވެއްޖެ ނަމަ ހައްޔަރު ކުރަން އަމުރު ނެރޭނެކަން އެނގޭ ކަމަށް ބުނާ އިގުރާރެއްގައި ވަނީ ހުރިހާ ޒުވާނުން ލައްވައި ސޮއި ވެސް ކުރުވާފައި ކަމަށް ވެއެވެ.
އާންމު ދަނީ ހޯދުމުގެ މަސައްކަތެއް ކުރަން ކަމަށްވިޔަސް މާލެ ދަތުރު ކުރާ ބޯޓްފަހަރުގައި މާލެ ދަތުރު ކުރުން މަނާކޮށް ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނު އިރު "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ބަންދުގައި ހުންނަ މީހަކު ދޫކޮށްލުމުގެ ކުރިން ފަނޑިޔާރަކަށް ކަނޑައެޅޭނީ ހަތަރު ޝަރުތެކެވެ.
އެހަތަރު ޝަރުތަކީ (1) ރަށުން ބޭރަށް ފުރައިގެން ނުދިއުން. (2) ރަށުގެ ވަކި ސަރަހައްދަކަށް ނުދިއުން (3) ކަނޑައެޅޭ ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެ ސޮއި ކުރުން އަދި (4) އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ކަނޑައެޅޭ ވަކި އިދާރާއަކަށް އެންގުމެވެ.
"ވަގުތަށް" މައުލޫމާތު ދެއްވި ޤާނޫނީ ވަކީލުން ވިދާޅުވީ ރަށުން ބޭރަށް ފުރައިގެން ނުދިއުން މީހެއްގެ މައްޗަށް ޝަރުތު ކުރި ނަމަވެސް ވަކި ރަށަކަށް ވަކި ގޮތަކަށް ދަތުރުކުރުން މަނާކޮށް މީހެއްގެ މައްޗަށް އަމުރެއް ނެރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އަދި ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނާއި އެކު އުޅުން މަނާކުރިއިރު އާންމު މީހަކަށް އަނެއްކާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްކަމަށް ނުނިންމޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.
ކަނޑުމަގުން މާލެ ދަތުރުކުރުން މަނާކޮށް ގަމު މެޖިސްޓްރޭޓް ކޯޓުން މީހެއްގެ މައްޗަށް އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ