ތިމާވެށީގެ ދާއިރާއަށް ކަނޑައެޅި ކަންކަން ދަނީ ކުރެވެމުން: ޑރ. އަބްދުﷲ ނަސީރު

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޕޮލިސީގެ ދަށުން ވަރަށް ގިނަ ކަންކަން މިހާރު ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
ތިމާވެށި ހިމާޔާތްކޮށް، ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލައި، އެ ސްޓްރެޓެޖީތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ލާޒިމްކުރެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ހިއްސާކުރައްވާ ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޕޮލިސީގެ ދަށުން ވަރަށް ގިނަ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ކުރެވުނު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ބޮޑުތިލަދުންމަތީ ސަރަހައްދުގެ ގިނަ ތަންތަން ހިމާޔަތްކޮށްފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ ލ.އަތޮޅާއި އަރިއަތޮޅުކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިފަދަ ތަންތަން ހިމާޔަތް ކުރުމުގަ ދެ ގޮތެއް އޮންނަ ކަމަށާއި އެގޮތުން ރާއްޖޭގެ ފަރުގެ ސަރަހައްދު އޮތީ ގާތްގަނޑަކަށް ފަސްހާސް އަކަ ކިލޯ މީޓަރުގައި ކަމުން ހިމާޔަތް ހިމާޔަތް ކުރަންޖެހޭ މުހިންމު ތަންތަން އެބަހުރި ކަމަށެވެ.
ތިމާވެށި ހިމާޔަތް ކުރުމުގައި ބޮޑަށް ސަމާލުކަންދޭންވީ އަންނަން އޮތް ޖީލަށް ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ހިމާޔަތްކޮށްދިނުމަށް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ފަރުތަކުގަ ދިރިއުޅޭ ދިރުންތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރަށް ފަތުރުވެރިކަން ކުރުމުގައިވެސް ފަރުތަކަށް ގެއްލުންނުވާނެ ގޮތަށް އެކަންކަން ކުރުމަށް ސްޓޭޓް މިނިސްޓަރ އެދިވަޑައިގައިތެވެ.
ތިމާވެށި ނާޒުކުވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ހުސް ދިރޭތަކެތިން އުފެދިފަ އޮތް ރާއްޖެއެއް ކަމުން ގަލުގައި ހިމެނޭ ދިރޭ ފަށަލައަކީ ވަރަށް ނާޒުކު ތަނެއް ކަމަށެވެ.
އަދި 1998 ވަނަ އަހަރު މުޅި ދުނިޔޭގެ ލޮނުގަނޑުގެ ހޫނުމިނަށް އައި ބަދަލުގެ ތެރޭގައި ރާއްޖޭގައިވެސް ގާތްގަނޑަކަށް 90 އިންސައްތައިގެ ފަރުތަކުގަ ހުރި ގާތައް ހުރީ މަރުވެގެންގޮސްފައި ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލާއި އިންސާނުން ކުރާ ކަންތައްތަކުގެ ސަބަބުންވެސް ފަރުތަކަށާއި ގާތަކަށް ގެއްލުންވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ