ފުލުހުންގެ މަސައްކަތުގައި ކަރަންޓު ހަތިޔާރު ބޭނުން ކުރަނީ
ފުލުހުންގެ އޮޕަރޭޝަންތަކުގައި "ޓޭޒަރ ގަން" ބޭނުންކުރަން ފަށައިފިއެވެ.ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން ނުވަތަ ޓޭޒރ ގަން ޓްރައަލްގައި ބޭނުންކުރަން ފަށާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ."ޓޭޒަރ ގަން" ބޭނުންކުރަންފެށިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަށް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގައި ކަރަންޓު ހަތިޔާރު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ފުލުހުން އާއްމު ގޮތެއްގައި ބޭނުން ކުރަނީ މީހުން ހައްޔަރު ކުރުމުގައިވެސް މުގުރެވެ. މި ހަތިޔާރަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ހަތިޔާރެކެވެ. ނަމަވެސް މި ހަތިޔާރު އާއްމުކޮށް އެހެން ގައުމުތަކުގައިވެސް ބޭނުން ކުރާ ހާލަތްތަކެއް ވެސް ހުރެއެވެ.މިއީ ފުލުހުންނަށް ނުކިޔަމަންތެރިވާ މީހުންނަށް ކަރަންޓް ޝޮކެއް ދިނުމަށް ބޭނުން ކުރާ ހަތިޔާރެކެވެ. މިހަތިޔާރުން މީހަކަށް ޝޮކެއް ދިނުމުން ކުޑަ ވަގުތު ކޮޅަކަށް މީހުންގެ ހަރަކާތް ހުއްޓެއެވެ.ފުލުހުންގެ އޮޕަރޭޝަންތަކުގައި މިހާރުވެސް ފުލުހުން ދަނީ ފޭރާމުގައި ހަރުކުރާ ކެމެރާ ބޭނުންކުރަމުންނެވެ. ޕްރޮންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރަން ފަށާފައިވާ މި ކެމެރާ ތަކަކީ ފުލުހުންނަށާއި އާންމުންނަށް ދިމާވާ އެކި ހާދިސާތަކުގައި އެހީތެރިވުމަށާއި ހެކި ހޯދުމުގައި ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޒަމާނީ އާލަތްތައްވެސް ދާދިފަހުން ވަނީ ރާއްޖެ ގެނެސް ބޭނުންކުރަން ފަށާފައެވެ. އެގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަނަށް ވަންނަން ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އާލާތްތައްވެސް ފުލުހުން ދަނީ ބޭނުންކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ